ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވެގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް އެމަނިކުފާނުގެ ޕާޓީ ކަމުގައިވާ އެމްޑީޕީން މަޖުބޫރު ކޮށްފިނަމަ ރާއްޖެއަކީ ޑިމޮކްރަސީއެއްގެ ގޮތުގައި ބަލައެއް ނުގަންނާނެ ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 39 މެންބަރުންގެ ވޯޓަކުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް ސޯލިހަށް ލަފާ ދޭން ރޭ ފާސްކުރިއެވެ. އެކަމަކު އޮންލައިންކޮށް ގެންދިޔަ ޖަލްސާގައި އެންމެ 43 މެންބަރުން ބައިވެރިވިއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި 142 މީހުން ތިބެއެވެ.

މި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުވާ ކޮންމެ މީހަކު ހައްޔަރު ކުރުމަށެވެ.

އެހެންވިޔަސް ނަޝީދު ހުށަހަޅުއްވާ މިފަދަ ކަންކަމަށް ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ރައީސް އަމަލެއް ވެސް ނުކުރައްވައެވެ. އެހެންވެ ނަޝީދުއާއި ރައީސް ސޯލިހްއާ ދެމެދު ވާދައިގެ ކޯޅުމެއް ވަނީ އުފެދިފައެވެ.

ނަޝީދު ބޭނުންފުޅުވެގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ އެއްވެސް މީހަކު ބައިވެރިއެއް ނުވެއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރޭގައި ހިމެނޭ މަވޯޓާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ޕާޓީން މަޖުބޫރު ކޮށްގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެސް ހެއްކެއް ނެތި "ގަނޑުކޮށް" ގިނަ ބަޔަކު ހައްޔަރު ކުރާނަމަ މިއީ ޑިމޮކްރަސީއެއް ކަމަށް ދެން ނުބުނެވޭނެ ކަމަށެވެ.

"އަހަރުމެންނަށް ލިބިފައިވާ ބޮޑު މެޖޯރިޓީގެ ފައިދާއާއި ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ނުވާނެ،" ޝަރީފް ލިޔުއްވާފައިވެއެވެ.

ފަހަކަށް އައިސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ އެންމެ ބޮޑު ނުރުހުމެއް ސަރުކާރަށް އަމާޒުވެފައި ވަނީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުންނެވެ.

މިހާރު ރާއްޖެއިން ބޭރުގައި ހުންނަވާ ނަޝީދު ގެންދަވަނީ ބައިނަލްއަގްވާމީ އެކި މީޑިއާތަކަށް އިންޓަވިއު ދެއްވައިގެން ވެސް ރައީސްއަށް ފާޑުވިދާޅުވާ ވާހަކަ ދައްކަވަމުންނެވެ. މި ގޮތުން ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ގިނަ ކަމާއި، މިފަދަ ބައެއް މީހުން ރުއްސުން ރައީސް ހުއްޓަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބިމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެން ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު، ބޭރަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ވީ ބޭރުގައެވެ. ފުރަތަމަ ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވިއެވެ. މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.