ރާއްޖޭގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ހުރިހާ ދިވެހިންގެ އަޒުމް ކަނޑައަޅަންވީ އިންސާނީ ހައްގުތައް ތާއަބަދަށް ކަށަވަރުކުރުމަށްޓަކައި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިބުމަށް ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދަނީ ރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރުނު ދުވަހެވެ. ރާއްޖެއަށް މިނިވަން ލިބުނީ އިނގިރޭސީންގެ އަތްދަށުން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ މުހައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ދެ އަހުންނާއި، ދެޙާޖީންނާއި ދަންޑެހެލުގެ ގައުމީ ޖިހާދުގެ ހަނދާންވެސް މިއަދު އައުކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް އެންމެ މަތީ ދަރަޖައިގައި، ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކަށް މިނިވަން ދުވަސް ވެފައި އޮންނަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި ކަމަށެވެ.

އެއީ އެ ގައުމެއްގައި ދިރިއުޅޭ ބައެއްގެ އެންމެހައި އަސާސީ ހައްގުތައް ފުރިހަމަ ގޮތުގައި ހާސިލުކުރެވެނީ، ދަހިލީ ގޮތުންނާއި ހާރިޖީ ގޮތުންވެސް، އެ ގައުމަކަށް ފުރިހަމަ މިނިވަންކަން ލިބިގެން ކަމަށްވާތީ ކަމަށެވެ. އަދި މިނިވަންކަމަކީ އިންސާނީވަންތަކަމާ ގުޅިފައިވާ ސިފައަކަށްވާތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ފާހަގަކުރަނީ އިންސާނީ އަސާސީ ހައްގުތައް ފުރިހަމަ ގޮތުގައި ލިބެން ފެށުމުގެ އުފާވެރި މުނާސަބަތެވެ. އައުކުރަމުން މި އަންނަނީ، އެ ހައްގުތައް ހިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވާ ކަމުގެ އުފާވެރި ހަނދާންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމަ މި މުނާސަބަތުގައި އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ، އެ ހައްގުތައް ތާއަބަދަށް ކަށަވަރުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިބުމަށް." ރައީސް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި ގައުމީ ބަތަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ، ރައްޔިތުން އެ މިނިވަންކަން ދިފާއުކުރަން ބޭނުންވި މިންވަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކޮންމެ ކަމަކަށް، އަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުނަމުން ދިޔުން" ރައިސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ މަޅީގައި ޖެހުނު ކޮންމެ ފަހަރަކު، އެކަމަށް މަގުފަހިކޮށްދީފައިވަނީ، އެއްބައިވަންތަކަން ގެއްލި، ބައިބައިވުން އުފެދުން" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭރި

    ދެން ރަށްޔަތުން އިންޑިއާސިފައިން ބޭރުކުރުމަށް ގޮވަމުންދާއިރުވެސް ތިޔަކަހަލަ ވާހަކަ ދަށްކާތީ ހިނިއަންނަނީ ޔަގީނުންވެސް ސޯލިހުގެ ވެރިކަމުގަ ވީ ކަމެއްވެއްޖެ ދެންއޮތީ އެކަންވީގޮތް ހޯދުން އޭގެ ފަހުން ތަހުގީގު.