ނަމުގައި އަމިއްލަ ވެރިކަމެއް ރާއްޖޭގައި ކުރިނަމަވެސް، ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ނުވަތަ ކަންކަން ނިންމުމުގެ އެންމެ ފަހު ބަސް ބުނުމުގެ ޙައްޤު ވަނީ ދިވެހިންގެ އަތުން ގެއްލިގެން ގޮސްފައި ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން މިހެން ބުނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ވަކި ގައުމެއްގެ ނަން ފާހަގަ ނުކޮށް ނަމަވެސް އިންޑިއާއަށް ނިސްބަތްކޮށް ބުނެފައި ވަނީ ދިވެހި ރައްޔިތުންނަށްވުރެ، މިޤައުމުގައި ދިރިއުޅޭ އެހެން ޤައުމެއްގެ ރައްޔިތުންނަށް ދެވޭ ޝަރަފާއި ޢިއްޒަތް އިތުރުވެ، ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށް ނިންމާފައިވާ އެތައް ކަމެއް ބަދަލު ކުރުމަށް މަޖުބޫރުވާ ޙާލަތަކަށް ޤައުމު ވަނީ ވެއްޓިގެން ގޮސްފައި ކަމަށެވެ.

"1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިޤައުމަކީ އަމިއްލަ ބާރު ހިންގާ، އަމިއްލަ ވެރިކަމެއް ކުރާ މިނިވަން ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަފަހުން، އެ ފަޚުރުވެރި ނިންމުމަށް، ދިވެހިރާއްޖޭގެ "މިނިވަން" ކަމަށް ބުރޫ އަރާނެ އެތައް ކަމެއް ހިނގަމުން ދާތަން މިޤައުމުން ފެންނަމުން ދިޔުމަކީ މިޤައުމު ދެކެ ލޯބިވާ، ދިވެހި ލޭ ހިންގާ ދަރިންގެ ލޮލުން ކަރުނަ ހިލިގެންދާ ފަދަ ހިތާމަ ވެރިކަމެއްކަމުގައި ފާހަގަ ކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މިޤައުމުގައި ތަފާތު ދީންތަކަށް ޢަޅުކަން ކުރެވޭ ގޮތަށް، ދިވެހި ރައްޔިތުންނަށްވެސް ދީނީ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ބައެއްގެ ނުފޫޒާއެކުނަމަވެސް، ސަރުކާރުގެ ތެރެއިން ފަށްޓާފައިވާކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައި ކަމަށެވެ.

ބަޔާނުގައި ބުނީ މިކަންކަމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތާމަކޮށް ދެކޮޅު ހަދާ ކަންކަން ކަމަށެވެ. ދިވެހިން އެދެނީ މިޤައުއުމުގެ ފަޚުރުވެރި ކާބަފައިންގެ ބުރަ މަސައްކަތުން މިޤައުމު މިއަދާއި ހަމައަށް ގެނެސްދެވިފައިވާ ޙާލަތުގައި އެއަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަންނަން އޮތް ޖީލު ތަކާއި ހަމައަށް ޤައުމު ގެންގޮސްދިނުމަށް ކަމަށާއި އެކަން އެ ގޮތަށް ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ރައީސް ޢަބްދުﷲ ޔާމީން ވެވަޑައިގަންނަވާނެކަން މިޤައުމަށް ވަނީ ސާބިތުކޮށްދެއްވާފައި ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޤައުމުގެ މިނިވަން ގެއްލޭ ގޮތަށް ސަރުކާރުން ކުރަމުން ގެންދާ ހުރިހާ ކަމަކަށް ފާރަވެރިވެ، އެކަންކަމާއި ދެކޮޅަށް އަބަދުމެ އަޑު އުފުލާނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ލޮބުވެތި ރައްޔިތުނަށް އަރުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމް ދީނާއި މިނިވަން ކަން ގެއްލޭފަދަ ގޮތް ގޮތަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކު ބޭ ބެ

    ބާރު އޮތް ދުވަހު މާލިއްޔާ ދޮވެލީ ކޮން ބައެއް؟

    6
    16
    • މިހާރު ކަމުންދާ

      މާލިއްޔަތު މިހާރު ކަމުންދާ މީހުންނަކީ ކޮބައިކަން އިނގޭނެ،
      ދީންވިޔަސް އެކެއްޗެއްވެސް ހިމާޔަތްނުކުރެވޭ.

  2. ލަލަލާ

    އެއީ އެމްޑީޕީ މިސަރުކާރު އެނގޭނެކަމައް އުއްމީދުކުރަން

    4
    1
  3. ތާރީޚު އިޢާދަ

    މަލިކާއި ކަޝްމީރާއި ސިއްކީމުގެ ފަހުން މިގައުމުވެސް ދެން ދިރުވާލާނެހެން ހީވަނީ، ފުރަތަމަ ކަނޑުފައްތާނީ ފުރަތަމަ ވިއްކި މީހުން. ވިއްކި މީހުން ހަނދާން ބަހައްޓާތި.

  4. ސަރަނގު

    މާލިއްޔާ ދޮވެލި ނަމަ ކަލޭ ދުއްވަން ބުރިޖެއްނޭޅޭނެ ކަލޭގެ އައުވާނުންނަކަށް ކޮތަރުކޮށްޓެއް ނުލިބޭނެ ބޭސްފަރުވާކުރާކަށް 25 ބުރީގެ ހޮސްޕިޓަލެއް ނުފެންނާނެ ދޫއޮތީތީ އެލެކުސްފަދައިން ތިޔަވަނީ.

  5. އަލްޖިބްރާ

    ބަޔާން ނެރިނެރިހުރޭ. ޢަފިހުން ބޮޑާބެ އޮންނާނީ ހަމަ ޖަލުގަ އަދި 2023 ވެސް ހަނދާން ނައްތާލާ