އިންޑިއާ ހައިކޮމިޝަންގެ އިރަށް އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދު ކުރުމަށް އިންޑިއާގެ ހައިކޮމިޝަނުން އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފޮރިން މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގޯޅި ބަންދުކޮށްދޭން އެދި އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރް، ފޮރިން މިނިސްޓަރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހައިކޮމިޝަން ކުރިމަތީގައި އޮންނަ ޕޭމަންޓު އާއްމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ހަދަން އެދިފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، އެފަދަ އެއްވެސް "ރިކުއެސްޓެއް" ހައިކޮމިޝަނުން ކޮށްފައިނުވާ ކަމަށެވެ. އަދި ސަފީރުވެސް އެފަދަ ކަމަކަށް އެދިވަޑައިގެންފައިނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެއީ ދޮގު ވާހަކައެއް" މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހުންނަ ބޭރުގެ ގައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކަށް ސަލާމަތީ ހިދުމަތްތަކުން ސެކިއުރިޓީ ދެމުންދާނެ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު މީހަކު ދިނުމާއި ގުޅިގެން އެތަނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

މި ސަރުކާރުން އަންނަނީ އިންޑިއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އިންޑިއާ އޮންނަ ގުޅުމުގެ "ގާތް" ކަމުން ގައުމުގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ސަރުކާރުގެ ފޮރިން ޕޮލިސީއަކީ "އިންޑިއާ ފަސްޓު" އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޓައްޕު

  ޢަސްލު އެންގިގެންވެސް ނުވާނެ ދިވެހިން އިޖާބަ ދީގެންވެސް ނުވާނެ އިންޑިއާގެ މަލަބާރުންނާ ދެކުނު އިންޑިއާގެ ހޮޅިން ގެ ކިބައިން ތި ބުނާ"ގޯޅި" ގޯޅި" ސަލާމަތް ކޮށްދިނީ ފުރާނައިން އަގުދީގެން ކާބަފައިން،

  10
 2. ހުސެންދީ

  ބަލަން މީނީ ކިތައްދުވަސް ފަހުންތޯ ބަންދު ވަނީ

  3
  1
 3. ހަމަބުނެލީ

  ރަނގަޅު ވާހަކައަކަށް ވެދާނެ. އިންޑިޔާއަކުން ނުއެއް އެދޭނެ، އަމުރުކުރާނީ. އަޅެ ބަލަން ތިބެމާ ހިންގަވާ؛ ކިހާ އަވަހަކަށް ތިޔަ ގޯޅިއެއް ބަންދުކޮށް، ތިޔަ ޕޭވްމަންޓެއް އެހެން މީހުންނަށް ބޭނުންނުކުރެވޭ ގޮތަށް ހަަމަޖެހިގެންދޭތޯ.

 4. ބިސްބޮންގޮންގު

  މިގޮތައް ބޮޑު ދޮގުތައް ފަތުރާ ނޫސްތަކާމެދު ފިޔަވަޅެއް އަޅަން ނުކެރި މީޑިއާ ކައުންސިލު ރިހަވެފަ އޮންނަހާ ހިނދަކު މިކަހަލައެތައް އެތައް ދޮގު ހަބަރެއް ފަތުރާ ދިވެހިންގެ ތެރޭން ގުއިރޯނުގަޖެހޭ އާބާދީގެ ބޮޑުބައެއް ހަމަ ގުއިރޯނުގަ ޖެހި ގަބޫލުކުރާނެ! ގައުމުގާ ފިތުނަ އުފައްދެނީ ބެލެނިވެރި މުއައްސަސާތަކުން އަޅާނުލާ ތިބޭތީ! މުސާރަބަނޑުއެޅެނިކޮށް އެމީހުނަށް ވަރިހަމަވީމަ ވާގޮތް މީ! ކީއްކުރާނީ؟