ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުންދާ ވެކްސިން ޖަހައިގެން ދިވެހިންގެ ތެރެއިން އުމްރާގެ އަޅުކަމަށް ސައުދީއަށް ދާ ފަރާތްތަކަށް މައްސަލައެއް ދިމާ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް އެތެރެވެވޭނީ ވަކި ވައްތަރެއްގެ ކޮވިޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ކަމަށް ކަނޑައަޅާފައިވާއިރު، އެ ގައުމުގެ ވެކްސިން ލިސްޓުގައި ރާއްޖޭގައި ދެމުންގެންދާ "ކޮވިޝީލްޑް" ވެކްސިން ނުހިމެނޭތީ ގިނަ ބަޔަކު އެކަމާއި ގުޅިގެން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިނިސްޓަރ ޒާހިރު "ވަގުތު" އަށް ވިދާޅުވީ، ސައުދީގެ ލިސްޓުގައި "ކޮވިޝީލްޑް" ހިމަނާފައި ނެތް ކަމަށާއި އެހެން ނަމަވެސް ހައްޖު އުމްރާގެ ސައުދީ މިނިސްޓްރީގެ ސައިޓުގައި ބުނެފައިވާ ގޮތުން ނަމަ އެފަދަ މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.

"އެ ސައިޓުގައި ބުނެފައިވަނީ އެގައުމެއްގެ ސަރުކާރުން ބަލައިގަންނަ ވެކްސިނެއް ވެއްޖެއްޔާ އެމީހުންގެ މައްސަލައެއް ނެތް ކަމަށް. އެހެންވީމާ އަޅުގަނޑުމެން އުއްމީދު މި ކުރަނީ ކޮވިޝީލްޑް ވެސް މައްސަލައެއް ނޯންނާނެ ކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުންނަމަ، އުމްރާގެ އަޅުކަމަށް ބޭރު ގައުމުތަކުން ދާ މީހުންނަށް އެގައުމަށް އެތެރެވެވޭނީ އެ ގައުމުގެ އުމްރާ މިނިސްޓްރީން ކަނޑައަޅާފައިވާ ހަތަރު ބާވަތެއްގެ ވެކްސިންގެ ތެރެއިން ކޮންމެ ވެސް އެއް ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު އޮކްޓޯބަރުގައި ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އަދި އޭގެ ފަހުން މި އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމުތައް ކާމިޔާބުކަމާ އެކު ނިންމައިލުމަށް ފަހު، ސައުދީ ސަރުކާރުން ވަނީ ދުވާލަކު 20،000 މީހުންނަށް އުމްރާ ވެވޭނެ ގޮތަށް އިއްޔެ އިން ފެށިގެން ހަރަމްފުޅު ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވެކްސް

  ކޮވިށީލްޑް އަދި ސިނޮވެކް ޖަހާމީހުން ސައުދީއިން ގަބޫލުކުރާ ވެކްސިނެއްގެ ބޫސްޓަރު ށޮޓެއް (ގަޑު ބަޑު ވާ ތިންވަނަ ވެކްސިނެއް) ޖަހަންޖެހޭކަމަށްވަނީ.

  2
  1
 2. މުޙައްމަދުބެ

  އަޅުގަނޑަކީ ސައުދީގައި ދިރިއުޅޭ ދިވެއްސެއް.
  މިނިސްޓަރ ހޯދަން ވާވަރަށް މަޢުލޫމާތު ނުހޯއްދަވާ ހަމަ އެއްޗެއް ވިދާލުވަނީ. ތިޔަހެން ހެއްދެވީމަ ފަޟީޙަތްވާނެ. ރައްޔިތުން ބޮލަށް އަރާނެ. ސައުދީ އިން މިހާރު ޤަބޫލު ކުރާ ވެކްސިން ނުޖަހާ މީހަލަށް ވިސާ ނުލިބޭނެ. އަދި ކީއްކުރަން މައްކާގެ ޙަރަމް ސަރަޙައްދަށް ވެސް ނުވަދެވޭނެ. ސައުދީގައި ބޭނުން ކުރާ ތަވައްކަލްނާ އެޕުން އިމިއުކް މީހެއްގެ ގޮތުގައި ނުދައްކާހާ ހިނދަކު ނުވަދެވޭނެ. ފުރުމުގެ 3 ދުވަސް ކުރިން ވެކްސިން މަޢުލޫމާތު އޮންލައިން ފޯމެއް މެދުވެރިކޮށް ފުރާ އެޕްރޫވަ؛ލް ލިބުމުން ނޫނީ ސައުދީއަށް އެތެރެ ނުވެވޭނެ. އޮންލައިން ފޯމުން އަދި ކޮވިޝީލްޑް ފެންނަންވެސް ނެތް. ސައުދީ އެޕްރޫވްޑް ވެކްސިން ފެންނަން ހުންނާނީ.
  އޮން؛ލައިން ފޯމް އެޕްރޫވް ވުމުން ތަވައްކަލްނާ އެޕުން އިމިއުން މީހެއްގޮތުގައި ފެންނާނީ.
  މީ ދިވެހިރާއްޖެހެން ކުޅޭކުޅޭ ތަނެއްނޫން މިނިސްޓަރ

  15
  • ކޮތަރު

   ހަބޭސް ކޮމެންޓެއް. ކޮންމެވެސް ކުއްޖަކު މީތި ދައްކަބަލަ ވެރިންނޭ ކިޔައިގެން މިއުޅޭ ބައިގަނޑަށް.