ހއ. ދިއްދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެރަށުން ފައްސިވެފައިވަނީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

އެމީހާ ފައްސިވުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން މިހާރު އަންނަނީ އޭނާ އާއި ގާތުން އެއްތާވި މީހުންގެ ސުންކުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެޗްޕީއޭގެ ގަވައިދު ބުނާ ގޮތުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެންނާނެއެވެ. އެހެން ނަނަވެސް އަދި ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

ދިއްދޫން މިއަދު މީހަކު ކޮވިޑަށް ފައްސިވެފައިވަނީ އެރަށުގައި މީގެ ކުރިން އިއުލާނު ކޮށްފައިވާ މޮނިޓަރިންގެ ހާލަތުން ނެގިތާ ހަތަރުވަރަކަށް ދުވަސް ފަހުން ކަން ފާހަގަ ކޮށްލެވެއެވެ. އަދި މިއީ އެރަށުން ކޮވިޑްގެ ވޭދަނަތަށް ފެނުނު ތިން ވަނަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރިން ވެސް އެރަށުން ކޮވިޑްގެ ވޭދަނަތައް ފެނިފައިވަނީ މޮނިޓަރިންގެ ހާލަތުން ނެގިތާ ދުވަސްތަކެއް ފަހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މަދުވެފައި ވީނަމަވެސް ބައެއް ރަށްރަށުން ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވެއެވެ.