ހދ.ކުޅުދުއްފުށީ ފްލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފުލޫ އޯޕީޑީއިން މިއަދު ވަނީ އިތުރު ހަތަރު މީހަކު ފައްސިވެފައި ކަމަށެވެ. ފުރަބަންދު ކަރަންޓީންގައި ތިބި ތިން މީހުންނާއި އެކު މިވަގުތު ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 14 އަށް އަރާފައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ކޮވިޑަށް ފައްސިވުމުން ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައި އޮވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކުޅުދުއްފުށި މިފަހަރު މޮނިޓަރިންގެ ހާލަތައް ގެނައީ ހޮނިހިރު ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ފައްސިވުމުންނެވެ. އަދި އާދީއްތަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ވެސް ވަނީ ފައްސިވެފައެވެ. މިދެކުދިންނަކީ ގާތުން ބައްދަލުވެފައިވާ ކުދިންނެއް ނޫނެވެ.

ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައި އޮވެދާނެ ކަމަށް ބެލެވޭތީ ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެރަށު ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހޮސްޕިޓަލުން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ފުލޫ އޯޕީޑީއަށް ދެއްކުމަށް ނުވަތަ ހޮސްޕިޓަލްގެ ހޮޓްލައިން 7606688 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު