މިއަދު ރާއްޖެ އިން އިތުރު 98 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 55 މީހުން ފައްސިވިއެވެ. އޭގެ އިތުރުން 17 މީހަކު ރިސޯޓްތަކުން މިއަދު ފައްސިވިއެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 147 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިއަދަކީ މިމަހުގެ 18 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑުން ރަނގަޅުވި ދުވަހެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2598 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 13 މީހުންނަށެވެ.

ޖުލައި މަހު މިހާތަނަށް ރާއްޖެ އިން 3050 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެއީ ކޮވިޑަށް 152735 މީހުން ޓެސްޓް ކޮށްގެންނެވެ. ކޮވިޑަށް މިމަހު ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %2 އެވެ. ޖޫން މަހު 9401 މީހުން ކޮވިޑަށް ފައްސިވިއެވެ. ޖޫން މަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6.60 މީހުން ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މަދުނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި މިއަދު ހއ.ދިއްދޫ އަނެއްކާވެސް މޮނިޓަރިންއަށް ލާފައިވާއިރު އާބާދީ ބޮޑު ހދ.ކުޅުއްފުށިން ވެސް މިއަދު އިތުރު ބަޔަކު ކޮވިޑަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮބޭ

    މާލެ ފައްސި ނުވާނެ ސަމޕލެ ނުނަގާނަމަ ކޮން ފައްސިއެއް ؟
    ރައްޔިތުންނަށް ދުއްޕާންކުރރރ ރަނީ