ހަރުކަށި ފިކުރު ރާއްޖެ އިން ނައްތާލުމަށް ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އެހީވާނަން ކަމަށް ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ބޮޑެތި އިލްމުވެރިންގެ ތެރޭގައި ހިމެނޭ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ހަރުކަށި ފިކުރު ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ވަރަށް ކުރުކޮށް ބަޔާން ކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔާދީގެންނެވެ. ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން. ދިގުދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މަތީ ތަޢުލީމު ޙާޞިލްކުރެއްވީ މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިންނެވެ. ޝަހީމް ޕީއެޗްޑީ ހާސިލްކުރީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު)ގެ ދާއިރާއިންނެވެ.

ޝަހީމަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެ މިިނިސްޓްރީގެ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވެއެވެ.

އަދި ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވެވިއެވެ.

ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރަށް އެހީތެރިވެދޭން ޝަހީމް ހުށަހެޅުއްވިއިރު މެއި މަހުގެ 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރާއި، ހަރުކަށި ފިކުރު ނައްތާލަން ކުރަން ޖެހޭ ކަންކަމުގެ ބަހުސްގެ އަޑު ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ހަރުކަށި ފިކުރު ނައްތާލެވޭނީ ތަފާތު ތަންތަނުން ކިޔަވައިގެން ތިބި އިލްމުވެރިންނާ ސިޔާސީ މީހުން އެއްތަންވެ ކީރިތި ގުރުއާނާ ސުންނަތުން ސާބިތުވާ ދީނުގެ ހައްދުތަކަށް އެއްބަސް ވެވިގެން. ތަފާތު ތަންތަނުން ކިޔަވައިގެން އައިސްތިބި މީހުން ދީނުގެ ހައްދުތަކުގެ ބޭރުން ދީނުގެ ނަމުގަ ތަފާތު ރައުޔުތަކާއި ފަތުވާ ނެރެންޏާ ހައްދު ފަހަނައެޅުމާ ހަރުކަށިކަމެއް ނުހުއްޓޭނެ. ހަމަ މިއާއެކު ރާއްޖޭގަ އަލްމާނިއްޔަތު ނުވަތަ ސެކިއުލަރ ވިސްނުން ފެތުރެމުންދާކަން އެއީ ވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް. ސެކިއުލަރިޒަމް އެއީ ދީން ރަނގަޅަށް އޮޅުންފިލުވައި ދެވިގެން ހުއްޓުވޭނެ ކަންކަން..

  2. ކަހެރުވައް

    ހަރުކަށި ފިކުރަކީ އިސްލާމީ ކެންސަރެއް. އެއަށް ދެވޭނެ ފަރުވާއެއް ނެތް. އެކަން ހުއްޓުވޭނެ މީހަކު ވެސް ނެތް

    3
    3
  3. ހުސޭނުބެ

    ހަރުކަށި މީހަކު މިކިޔަނީ ހަރުކަށިފިކުރު ނައްތާލަން އެހީވާނަމޯ ޖޯކެއްނު މީ. ތި ބޮނަކުއާ އާ ފަހަރިއިއްމަ ހައްޔަރުކޮށްގެން ތިކަންވާނީ

    1
    1
  4. އަލްޖިބްރާ

    ނިއުކްލިއާ ހަތިޔާރު ހަދާފަ ހުރީ ހަރުކަށިފިކުރު ނައްތާލުމުގެ ގާބިލުކަމާއެކީގައެވެ.

  5. ހަރުކަށިކަމުގެ އެދެވޭ މުރާދު

    ހަރުކަށި ފިކުރަކީ ފިކުރީ ބައްޔެއް. އެ ބަލީގެ ފަރުވާޔަކީ ދީނީ ދަންނަބޭކަލުން އިސްލާމްދީނުގެ ޞައްޙަ ޢިލްމު ޢާންމުންނަށް ރަނގަ ޅަށް އޮ ޅުންފިލުވައިދިނުން.
    ޢައިރު މުސްލިމުން "ދީނީގޮތުން" ހަރުކަށި ވުން މާނަ ކުރާ ކޮންސެޕްޓާއި މުސްލިމުން ހަރުކަށިކަން މާނަކުރާ ކޮންސެޕްޓަކީ ދެ ކޮންސެޕްޓެއް.
    މުސްލިމުންގެ ތަޢުރީފުގާ ހަރުކަށިކަމަކީ އިސްލާމްދީނުގައި އޮތް ގޮތް ނޫން ގޮތަކަށް ދީނީ ކަންކަމުގާ ޢަމަލުކުރުން. ހު ޅަނގުގެ ޤައުމުތަކުގާ ހަރުކަށިކަމުގެ ތަޢުރީފަކީ އިސްލާމްދީން.....

    1
    1