ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެ އިން ފަތުރުވެރިކަން ކުރިއަރަން ފަށާފައިވާތީ އެއީ ދުނިޔެ އަށް މިސާލެއް ކަމަށް ބުނެ ދެކުނު ކޮރެއާ އިން ރާއްޖެ އަށް ތައުރީފްކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ވޭދަނަތައް ފެތުރެން ފެށުމާ އެކު، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެއާއެކު، ރާއްޖޭގެ އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓި އާމްދަނީ ލިބޭނެ ހުރިހާ ދޮރުތަކެއް ބަންދުވިއެވެ.

އެތައް ދުވަސްތަކެއް ވަންދެން ރިސޯޓުތައް ބަންދު ކުރަން ޖެހުމުން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ. ނަމަވެސް ޖުލައި މަހުގެ ތެރޭގައި އަލުން ބޯޑަރުތައް ހުޅުވައި ފަތުރުވެރިންނަށް މަރުހަބާ ކިއެވެ. ގައުމުތަކުގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއެކުވެސް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މައްޗަށް ޖެހިލައިފައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ކޮރެޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވޫންޖިން ޖިއޯން ފޮނުއްވެވި މެސެޖެއްގައި ކޮވިޑްގެ ސަބަބުން ހީނަރުވި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން ކުރި ހަލުވި އަދި ބުރަ މަސައްކަތަށް ތައުރީފް ކުރެއްވިއެވެ.

ރާއްޖެއަކީ، ދެކުނު ކޮރެޔާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލްކަން ފާހަގަކުރައްވައި ސަފީރުގެ މެސެޖްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށްވާތީވެ ކޮވިޑްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެ ގައުމު ރާއްޖެއާއެކު ދެމިއޮންނާނެ ކަމަށްވެސް ކޮރެޔާގެ ސަފީރު ވިދާޅުވިއެވެ.

"ކޮރެޔާ އަބަދުވެސް އޮންނަނީ ރާއްޖޭގެ ހަގީގީ ރަހުމަތްތެރިއެއްގެ ގޮތުގައި" ސަފީރު ވޫންޖިން ވިދާޅުވިއެވެ.

ސަފީރު ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.