ބައިނަލްއަގްވާމީ މޫސުމީ ސަމިޓް (ކޮޕް 26) ފެށޭ އިރު ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލެވިގެން ދާނެ ކަމަށް މިނިސްޓަ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު އެގޮތަށް ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ޔޫރަޕަށް މަސް އެކްސްޕޯޓް ކުރާއިރު ބޮޑު ޑިއުޓީއެއް ނަގާތީ އެ މާކެޓަކީ ދިވެހި މަސްވެރިންނަށް މާބޮޑު މަންފާއެއް ލިބޭ މާކެޓަކަށް ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަން ހައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާތާ ޒަމާންތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ދާދިފަހުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު ދިވެހި މަހުން ޑިއުޓީ ނެގުމުގެ ކަންތަކުގައި އީޔޫގެ ސިޔާސަތުތަކާ ތަފާތު ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

"އިނގިރޭސިވިލާތުން ޒީރޯ ރޭޓް ލިބުމަކީ ވަރަށް އަވަހަށް ވެދާނެ ކަމެއްކަމަށް އުއްމީދު ކުރަނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ކަނޑުމަހުން ޑިއުޓީ ކަނޑާލީމާ އެކަމުގެ ނަފާ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑުވާނެ ކަމަށެވެ.

ކަޅުބިލަ މަސް އެކްސްޕޯޓް ކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީ ކުރެވިފައި ވީނަމަވެސް އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކީ ބައިނަލްއަގުވާމީ އެކި މުއާހަދާތަކުން ލާޒިމުކުރާ ހަމަތަކަށް ފެތިގެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން 2011 ވަނަ އަހަރު އެކޮމިޝަންގެ މެމްބަރަކަށް ރާއްޖެވި ކަމަށާއި އޭރު މެމްބަރަކަށްވާން މަޖުބޫރުވި ކަމަށާއި، އެ އުސޫލުގެ ތެރެއިން ނޫނީ އޭރު ޔޫރަޕަށް މަސް އެކްސްޕޯޓް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުން އެ ކޮމިޝަނުގައި ބައިވެރިވީއްސުރެ އެ ޖަމާއަތުގައި އެންމެ މުހިންމު އެއް ދައުރު ރާއްޖެއިން އަދާކުރަމުންނެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދިރުވައި އާލާކުރުމުގެ މަސައްކަތްކަން ޑރ. ހުސެއިން ރަޝީދު ފާހަަގަ ކުރެއްވިއެވެ.