ވަގުފް ފަންޑު ފުޅާ ކުރުމުގެ ގޮތުން ހުޅުމާލެ އިން ދެ ބިމެއް ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "ވަގުތު" އަށް މިއަދު ވިދާޅުވީ، ފަންޑު ދިރުވުމަށް ބިން ހަމަޖައްސަނީ ފޭސް އެކެއް އަދި ފޭސް ދޭކުން ކަމަށެވެ. ފޭސް އެކަކުން ހޯދަން މިނިސްޓްރީން، އެޗްޑީސީގައި އެދިފައިވަނީ 20،000 އަކަފޫޓޫގް ބިމެކެވެ. ފޭސް ދޭކުން ހޯދަނީ 10،000 އަކަފޫޓްގެ ބިމެކެވެ.

ޒާހިރު ވިދާޅުވީ ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން އެކި ފަހަރުމަތިން އެޗްޑީސީއާ އެކު މަޝްވަރާކުރެވި މިހާރު "ފެހި ސިގްނަލް" ލިބިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ދެ ބިމުގައި އަޅަން ހަމަޖެހިފައިވަނީ މަލްޓި ޕާޕޯސް އޮފީސް އިމާރާތެވެ.

"އެ އިމާރާތުގައި އޮފީސް ހުންނާނެ، ޑެ ކެއާ ސެންޓަރުތައް ވެސް ހުންނާނެ،" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ބިމުގެ އަޅާ އިމާރާތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި އަޅާ އިމާރާތުން ލިބޭ ފައިސާ ހަރަދު ކުރާނީ ދީނީ ކަންތައްތައް ކުރިއެރުވުމުށާއި ގުރުއާން އިލްމް ކުރިއެރުވުމަށެވެ. ދެ ވަނަ ފިޔަވަހީގައި އަޅާ އިމާރާތުން ލިބޭ ފައިސާ ހޭދަ ކުރަނީ މިސްކިތްތައް ހަރަދުކުރާ "މިސްކިތް ފަންޑު" އަށެވެ.

މި އިމާރާތްތަކުގެ ސަބަބުން ސަރުކާރުން ދީނީ ކަންކަމަށް ސަރުކާރުންކުރާ ހަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިސްކިތަށް ސަރުކާރުގެ ބަޖެޓުން މިހާރު ވެސް ބޮޑު ހޭދައެއް ކުރައްވަމުންދާ ކަން ޒާހިރު ފާހަގަކުރެއްވިއެެވެ.

މަޖިދީމަގުގައި ހުންނަ ދާރުލްއީމާން އަކީވެސް އިސްލާމިކް މިނިސްޓްރީގެ ވަގުފް އިމާރާތަކެވެ.