ހއ. އިހަވަންދޫގައި ކުރިއަށްގެންދާ ބަނދަރާއި ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ އާޒިމް އާއި އޭނާގެ ޓީމުން ވަނީ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކަށް ވަޑައިގެން މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލައްވާ، މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާ ބައްދަލު ކުރައްވާފައި ކަމަށެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 51.7 މިލިއަން ރުފިޔާއެވެ.

އެ ރަށުގައި ކުރިއަށް ގެންދާ ފެރީ ޓާމިނަލް ހެދުމުގެ މަޝްރޫއުއަކީ ”އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް“ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރުއުގެ ދަށުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލެވޭނެއެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.