ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނަޒީމް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކޮޅަށް އެރީ އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު މި ގޮތަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް އެމަނިކުފާނު ފޮނުއްވި ޓެކްސްޓް މެސެޖެއްގައެވެ. އެއީ ނާޒިމް އިސްވެ ޕާޓީއެއް އުފައްދަވާއިރު އަނެއްކާ ވެސް އެމްޑީޕީގެ ސަޕޯޓަރުން ވަރަށް ބޮޑަށް އޭނައަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހު، އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގެ އިސް ސަފުގައި ކާނަލް ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުންނެވިއެވެ.

ނަޝީދުގެ ވެރިކަން ނިމުމަކަށް އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އެއީ ފެބްރުއަރީ 7، 2012 ގައެވެ.

ނަޝީދު އާއި އެމަނިކުފާނުގެ ސަޕޯޓަރުން ދެކެނީ އެއީ "ބަޣާވާތެއް" ކަމުގައެވެ. ނަޝީދުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ނާޒިމްއަށް ޑިފެންސް މިނިސްޓަރު ކަން އަދި ރިޔާޒަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހަވާލު ކުރެއްވިއެވެ.

އެހެންވެ، ނާޒިމްއާއި ރިޔާޒްއަކީ އެމްޑީޕީގެ ސަޕޯޓަރުން އެންމެ ބޮޑަށް ފާޑުކިޔާ ދެ ބޭފުޅުންނެވެ. އެކަމަކު އެއީ ބަޣާވާތެއް ނޫން ކަމަށް ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން ކަނޑައެޅިއިރު ނާޒިމްއާއި ރިޔާޒް ވެސް ރައްދު ދެއްވަނީ ކޮމިޝަންގެ ރިޕޯޓަށް އިޝާރާތް ކުރައްވައެވެ.

ނާޒިމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަތެއް ފެބްރުއަރީއާ ގުޅޭ ގޮތުން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި މުޅިން އާ މައުލޫމާތެއްގެ ގޮތުގައި ނާޒިމް ހިއްސާކުރެއްވީ، އެ ދުވަހު ނަޝީދުއާ ބައްދަލުވެވަޑައިގެންފައި ނުވާ ކަމެވެ.

މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްއަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، 2012 ވަނަ އަހަރަށް ފަހު ނާޒިމްއާ ބައްދަލުވެވަޑައިގެންނެވީ އެމަނިކުފާނު މާފުށި ޖަލަށް ގެންދިޔުމުގެ 10 ދުވަސްކުރިން ގާމާދޫ ޖަލުގައި އޮންނެވިއިރު ކަމަށެވެ. އޭރުއްސުރެ ނާޒިމްއާ ވާހަކަ ދެކެވެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އޭރު ޖަލުގައި އޮންނެވި ނާޒިމް 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޮޅަށް އެރީ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެމަނިކުފާނުގެ އެދިވަޑައިގަތުމުގެމަތިން ކަމަށެވެ.

"ނާޒިމް އެމްޑީޕީއާ އެއްކޮޅަށްއެރީ ރައީސް ޔާމީން ބަލިކުރަން، އަދި އަޅުގަނޑު ވަރަށް އެދިގެން" އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނާޒިމްގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ދައުވާއެވެ.

މި ސަރުކާރު ވެރިކަމަށް އިންތިހާބުވެ ނާޒިމް މިނިވަން ކުރެވިގެން ދިޔައީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަށް ފަހު ނާޒިމް ގުޅިވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއެވެ. އަމިއްލަ ޕާޓީއެއް އުފެއްދެވުމާއި ހަމައަށް ހުންނެވީ އެ ޕާޓީގައެވެ.

ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަޝީދު ވެސް މިނިވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބު ކުރެއްވުމުން ނޮވެމްބަރު 1، 2018 ގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވަނިކޮށް އެ ދުވަހުގެ ކުރިއަށެވެ. ނަޝީދު އުޅުއްވީ ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަށީދު

    ތީ ވަރަށް ރަގަޅަށް ތިވީ، މިހާރު ރައްޔިތުން ނަށް ސާފު ވާނެ ތިޔަ ނާޒިމަކީ ނަށީދު ގެ ޕަޕެޓެއްކަން، އެހެންވީމާ އޭނަ އަތުގަ ހުރި ފައިސާ ކޮޅު ހުސްވަންދެން ކޭންޕޭން ކުރަން ބަހައްޓާ، ދިވެހި ރައްޔިތުން ކެނެރީގެ ނަށީދު ގެ އެއްވެސް ޕަޕެޓަކަށް ވޯޓެއް ނުދޭނޭ އިރާދަ ކުރެއްވިއްޔާ!!

    19
    1
  2. ހުސޭނުބޭ

    ދެން ކަލޭ ނާޒިމާ ދިމާލަށް ބާގީއޭ ގޮވާ ކަލޭގެ އައުވާނުން އޭނާގެ ފަހަތުން ދުއްވި ބޭނުމަކީ ކޮބައި؟ މިއިންވެސް އެގެނީ ބުއްޅަބެޔަކީ ކައްޒާބެއްކަން! އޭނާއަށް ތާޢީދުކުރާނީވެސް ބޯބުރާންތީންކަން!

  3. މަހުދީ

    ތިޔައީ ބޮލުގައި ބަޑި ޖެސިމީހާ ދޯ؟

    17
  4. Anonymous

    ނަޝީދު މަށަށްވެސް ގުޅި ޔާމީން ބަލިކުރަން އެމްޑީޕީ ކޮޅަށް އަރަން. މަށާ ނާޒިމާ އޭރަކު ނެތް ތަފާތެއް. ނާޒިމްގެ އެއްވެސް ހައިސިއްޔަތެއް ނެތް. މަގޭވެސް ނެތް. ދެން މިއަދު ނާޒިމް ޕާޓީއެއް ހަދާ ރިޔާސީ އިންތިހާބުގަ ވާދަކުރާނަނޭ ބުނާއިރަށް ނަޝީދު އޭގެ ކްރެޑީޓް ނަގަން ްްޅުނީމަ މަގާތަށް އަންނަނީ ހިނި.

  5. އަހުމަދު

    ނަޝީދުގެ ހަގީގަތް އެނގުމުން އެތައް ބަޔަކު ނަޝީދު ދޫކޮށްލަމުން ދާތަން މި ފެންނަނީ. އިންޝާ ﷲ އޭނާގެ ސިޔާސީ ކެރިއަރު ދެން މި ނިމުނީ

    24
  6. Anonymous

    ނަޝީދު އުޅުއްވީ ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވިގެންނެއްނޫން ބޭސްފަރުވާއަށޭ ކިޔާފަ ދިވެހި ދައުލަތަށް ފިލައިގެން އުޅުނީ

    22
  7. ޖަނާބު

    އަނެއްކާ ބަޣާވާތްވެސް އެއީ ބުނެގެންތޯ؟

    18
  8. އާނަ

    ތީހާސްވާން ޖެހޭ ކަމެއްނޫން ތިތާނެތް ސަހަލު
    އެކަކުވެސް

    18
  9. ހުސާމް

    އަނެއްކާ ނާޒިމް ޕާޓީ ހައްދަވަނީ ( އަޅުގަނޑު ) ބުނެގެން ނޫންބާ

    14
  10. ހުސެން

    އެހެންވީމާ އެމްޑީޕީއާއި ނަޟީދު އެވިދާޅުވާ 'ބަޢާވާތަކީ' ނަޟީދު އެދިވަޑައިގެން ހިންގެވި ދުވަހެއްބާ.ދެން ކޮން ބާޢީ އެކޭ ކިޔާ އަހަރެއްހާ ދުވަސްދެން އެމްޑީޕީ މީހުން ލައިގެން މީނާ ފެލުވީ .ހައްތާވެސް ސިޔާސީ ފިލްމު އެފިލްމް ބަޢާވާތް.މިހާރު މިއޮތް ފިލްމަކީ ހަރުކަށި ފިލްމު.ދިވެހި ރައްޔިތުނޭ މިނަޟީދީ ކުޅެނީ ސިޔާސީ ފިލްމު ސިޔާސީ ޑައެލޮގް .މިއީ ސިޔާސީ ފިލްމު ކުޅޭ ބައެއް.ދިވެހިން ހޭއަރާކަށް ނުވޭތޯ

  11. މިތުރު

    އަނެއްކާވެސް ރައްޔިތުންގެ ނަމުގައި ޕާރޓީ އަކަށް ލާރިގަނޑެއް ލި ބޭނެ. އިލެކްޝަން ކޮމިޝަނުން ޕާރޓީ ތަކަށް ލާރި ބަހާނެ.. ނިކަމެތި ރައްޔިތުން ނުކައި ނު ބޮޔެ މީތި ބީ އެއްވެސް ރައްޔިތަކު ސިޔާސީ ޕާރޓީ އަކަށް ނު ވަނުމަށް ގޮވާލަން..މިއީ ބޮޑު ވިޔަފާރިއެއް.. ޕާރޓީ ތަކުން ހުރިހާ އެންމެން ވަކި ވާންވީ.. އޭރުން ސިޔާސީ ވެރިންނަށް އަހަރުމެން ނަމުގައި ދައުލަތުން ފައިސާ ނުވެވޭނެ.