ކޮވިޑް-19 ޖެހިގެން ރ. ދުވާފަރުން އުމުރުުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެރަށުން ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވެފައިވަނީ ގެއަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 220 އަށް ވަަނީ އަރާފައެވެ.

އެޗްޕީއޭ ވިދާޅުވީ، އެ މީހާއަކީ މިއަދު މެންދުރު 12:00 ޖެހިހާއިރު އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހެއް ކަަމަށާއި، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިބަލީގައި ދުވާފަރުގައި ނިޔާވި ފުރަތަމަ މީހާއެވެ. ނަމަވެސް، އެރަށުން ފައްސިވި ދެ މީހެއްގެ ތެރެއިން އެކަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި އޭދަފުށީ ފެސިލިޓީގައި އެކަކު ނިޔާވެފައިވެއެވެ. އެހެންކަމުން، ދުވާފަރުން ކޮވިޑު ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވި މީހުންގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ.

ދުވާފަރަކީ މިވަގުތު ކޮޮވިޑް ފެތުރެމުންދާތީ ބަންދުކޮށްފައި އޮތް ރަށެކެވެ. ކޮވިޑާއި ގުޅިގެން އެރަށް ބަންދު ކުރީ މެއި 25 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 487 މީހަކު ފައްސިވެފައި ވެއެވެ. އަދި މިވަގުތު އެރަށުގައި ޖުމްލަ 145 މީހަކަށް ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދެއެވެ.