މިދިޔަ މެއި ހަ ވަނަ ދުވަހު މާލޭގައި ބޮން ގޮއްވުމާ އެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނެ ކަމަށާއި މި ދަނޑިވަޅަކީ ރާއްޖޭގައި އެ ހާލަތު އިއުލާންކުރަން ޖެހޭ ވަގުތު ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރު މީހުން ހައްޔަރު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ ގަރާރެއް ފާސްކޮށްފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައިވަނީ 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓު ދެއްވީ ނަޝީދު ފެކްޝަންގެ މެންބަރުން އެކަންޏެވެ.

އެރޭވެސް ނަޝީދު ވިދާޅުވީ، ކުއްލި ނުރައްކާ އިއުލާނުކޮށް ނިރުބަވެރިން ހައްޔަރު ކުރުމުގައި ފުލުހުންނަށް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފިނަމަ ގައުމު ސަލާމަތް ނުކުރެވޭ ހިސާބަށް ހިނގައިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު ޝަރީފް "ވަގުތު" އަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހެނީ ނަޝީދަށް އަމާޒުކޮށް ބޮންގޮއްވާލި ދުވަހު ކަމަށެވެ. އެ ދުވަހު ސްޓޭޓް އޮފް އެމަޖެންސީ (އެސްއޯއީ) އިއުލާންކުރަން ޖެހޭނީ އެކަމުގައި ޝާމިލްވި މީހުން ހޯދަން ސަލާމަތީ ބާރުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު މިއީ އެސްއޯއީ އިއުލާންކުރަން ޖެހޭ ހާލަތެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިއީ އެ ވަގުތެއް ނޫން" އޭނާ ވިދާޅުވިއެވެ.

އެކަމަކު ހަރުކަށި ފިކުރުގެ މީހުން ހޯދާ އެމީހުންނާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް އާދަމް ޝަރީފް ތާއިދުކުރެއްވިއެވެ.

މެއި ހައެއްގެ ހަމަލާއާ ގުޅޭ ގޮތުން ފުލުހުން ހިންގި ތަހުގީގު ގާތްގަނޑަކަށް ނިމިފައިވާއިރު އެކަމުގައި ޝާމިލްވި މީހުންނަކީ ދީނުގައި ހައްދުފަހަނަ އަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރުތަކަށް ތާއިދުކޮށް އެ މީހުންނަށް ވާގިވެރިވާ ބަޔެކެވެ. ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި ނަޝީދު އަވަހާރަކޮށްލަން އެ މީހުން ރާވަން ފެށީ 2019 ވަނަ އަހަރުއެވެ.

ނަޝީދަށް ހަމަލާ އަމާޒުކުރީ އެމީހުންގެ ވިސްނުމުގައި ނަޝީދަކީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި އެ މަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ މީހުން ދެކޭ ގޮތުގައި ރާއްޖޭ ބިމަކީ "ކުފުރު" ބިމެކެވެ. އަދި ދިވެހި ދައުލަތްވެސް މި ބައި މީހުންނަށް "ކުފުރު" ކުރެއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަމަލާ ދިނުމަށް ރޭވި އެންމެ އިސް މީހާ ހިމެނެއެވެ. އެއީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

އޭނާގެ އިތުރުން، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދާއި ،މއ. ފޭރުގެ މުޖާޒް އަހްމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، އާއި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހާއި، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި، ގއ. ވިލިގިނގިލި ހުދުރުމާގެ، ފަހުމީ އަލީ އާއި ކ. މާލެ، މ.ކުދުހިގެ، އިސްހާގާއި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކެެވެ.

މި މީހުންގެ ތެރޭގައި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. އެއީ އަދުހަމް، މުޖާޒް، ތަހުމީންގެ އިތުރުން، ފާތިހެވެ. އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވި މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީޫޖޖުުޖ

    ސަރީފް މަހަށްދޭބަލަ. ކަމެއްވާއިރަށް އިމަޖެންސީ ހިންގާކށް ނުޖެހޭނެ. ޢެއީ ޔާމީނުގެ ފިނޑި ފަލްސަފާ

  2. އަހުމަދު

    ނަޝީދުގެ ސިޔާސީ ބާރު ކުޑަވެ ރައްޔިތުން އޭނަ ދޫކޮއްލާތީ ކުރާ ކަމެއް އެއީ