ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އިސްލާހަކީ އަދާލަތު ޕާޓީގެ ނުފޫޒުން އައި އިސްލާހެއް ކަމަށް ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އެ ބިލަކީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަގްސަދުގައި ހުށަހެޅުއްވި ބިލެކެވެ.

އެ ބިލުގައި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ދީނީ އިލްމުވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތެވެ. އަދި އާންމުންގެ ފާޑުކިއުން ވެސް ބިލަށް އަމާޒުވެގެން ދިޔައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމީ އެ ބިލު އިތުރަށް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތު ލިބުނު ގޮތަށް ބިލު އަނބުރާ ފޮނުވާލިއެވެ.

އޭރު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ބިލަށް އިސްލާހުތަކެއް ވެސް ހުށަހަޅުއްވާފައި އޮތެވެ. ޕާލިމެންޓްރީ ގްރޫޕުން ބިލު އަނބުރާ ފޮނުވާލަން ނިންމުމުން ޔައުގޫބްގެ އިސްލާހުތައް ނެންގެވިއެވެ.

"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިންތި ވިދާޅުވީ ނަފުރަތުގެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ އެތެރެއިން ވެސް ފަހުން މަސައްކަތްތައް ކުރީ އެމްޑީޕީގެ މައިގަނޑު އަސާސްތަކާއި ވިސްނުންތަކާ ދިމާ އިދިކީލައަށް ކަމަށެވެ.

އިންތި ދެން އިޝާރާތް ކުރެއްވީ ޔައުގޫބް ހުށަހެޅުއްވި އިސްލާހަށެވެ. ވަކި މެންބަރެއްގެ ނަން ވިދާޅުނުވެ އިންތި ވިދާޅުވީ އިސްލާހު އައި ގޮތާ މެދު މެންބަރާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވި ގޮތުން އެއީ އިސްލާމިކް މިނިސްޓްރީން ލަފާ ދިން ގޮތުގެ އިސްލާހެއް ކަމަށެވެ.

އިންތި ސިފަކުރެއްވީ އެއީ ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއެއް ވެސް ނެތް އަދާލަތު ޕާޓީގެ ނުފޫޒުން ގެނައި އިސްލާހެއްގެ ގޮތުގައެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަކީ އަދާލަތު ޕާޓީގެ ބޭފުޅަކަށް ވެސް ވުމުންނެވެ.

"މެންބަރު ގާތުގައި އަޅުގަނޑުމެން އެއްސެވީމަ މެންބަރު ވިދާޅުވޭ އަޅުގަނޑަށް ނޭނގެއޭ އެ މާއްދާގައި އޮތް އެއްޗެއް. އަޅުގަނޑަށް އިސްލާމިކް މިނިސްޓްރީން އެ އިސްލާހު ދިނީމަ ލީއޭ. މި ފެންވަރަށް ދިޔައިމަ ދެރަ ދެއްތޯ." އިންތި ވިދާޅުވިއެވެ.

އެ އިސްލާހަކީ ތާއީދު ކުރެވޭނެ އިސްލާޙެއް ވެސް ނޫން ކަމަށް އިންތި ވިދާޅުވިއެވެ. އޭގެ ސަބަބުން ބިލު ފޮނުވި މަގްސަދު ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތުން "ލާދީނީ ގޮވުން" އަނެއްކާ ވެސް ހުއްދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބިލެއް މަޖިލީހަށް ފޮނުވާއިރު ފޮނުވާނީ ކޮންމެ ވެސް މަގްސަދެއް އޮވެގެން. ބަންޑާރަ ނައިބުގެ އޮފީޙުން ބިލު ފަރުމާކޮށް މަޖިލީހަށް ފޮނުވި މަގްސަދު މުޅިން ގެއްލިގެން ދާނެ ގޮތަށް އެމްޑީޕީގެ މެންބަރަކަށް އިސްލާމިކް މިނިސްޓްރީން އަނެއްކާ އިސްލާހެއް ދެނީ." އިންތި ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ބޮޑެތި ޒަޚަމްތަކުން ސަލާމަތް ވުމަށް ފަހު އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހެދުމަށެވެ.

ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރެއްވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ފާސްކުރުމަށެވެ. އެކަމަކު އެ ގޮތަށް އެހެން ނުވުމުން ނަޝީދުއާއި އަރިސް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުުހުން ފާޅުކުރައްވަމުންނެވެ.

ނަޝީދުއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެމެދު ވެސް ޚިޔާލު ތަފާތުވުން މިހާރު ވަނީ ބޮޑުވެފައެވެ. ނަޝީދު ވަނީ ރައީސް ސޯލިހްއާއެކު ސިޔާސީ ގޮތުން އެކުގައި ދެން ނުހުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ބަލަ އިންތި ކަލޭ އަދިވެސް ތިބިލަކާ ޖެހިގެންގޮސް ނެއްޓެން ނޭނގުނު ދޯ؟؟ ތިބިލަކީ ކަލޭގެ ރޫހާނީ ލީޑަރާ އިންޑިއާގެ ދިފާއުގައި ކުރަންއުޅޭ މަކަރުވެރި ހީލަތްތެރި ރޭވުމެއް ކަމަށް ދީނީ އިލްމުވެރިންނާ ރާއްޖޭގެ ގިނަ ބަޔަކު އޮތީ ބުނެފަ.

  11
  1
 2. އާދަމުގެދަރި

  ތީ މިހާރު ރައްޔިތުން ބަލައިގަންނަ ބައިގަނޑެއް ނޫން. ތިޔަ ބައިގަނޑު ދޮގުހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އުޅުނު ދުވަސްތައް މާޒީވެއްޖެ. ތިޔަހެން ލަވާ ހަޅޭކަކުން މިއަދަކު އަސަރެއް ނުކުރާނެ. ގިއްޗަށްވެ ގަސްދޮށަށް ފައިބާ މޫސުން ދެން އޮތީ. ލާދީނީ ފިކުރަށް ރައްޔިތުން ހެއްލޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް. ރައްޔިތުން މިހާރު ހޭލައިފި.

  9
  1
 3. ލޮލް

  އިންތިމެންގެ ތަރި އޮއްސޭކަށް މާކަގިނަދުވަހެއް ނެތް އިނގޭތޯ! މިިހާރުވެސް ހަމަ ކިރިޔާ ފެންމަތީގަ އޮތްކަން. އުއްމީދުކުރަން ކުރިޔަށް އޮތް ދައުރުގައި އެއްވެސް އިންތިޚާބަކަށް ކުރިމަތިނުލާނެކަމަށް. ކުރިމަތި ލައިފިއްޔާ ލަދުވެތި ނަތީޖާއަކާ ބައްދަލުކުރަން ޖެހިދާނެ ކަމަށް ބެލެވޭ.

  10
  • Anonymous

   ހެހެހެހެހެ..ތިހެން ހަޅޭ ލަވަލަވާ ތިއްބަ ކުރިމަތިލައިގެން ކާމިޔާބުވެސް ކުރަނީ..

 4. ބޭޗާރާ

  ލާދީނީ ވީމާ ލާދީނީއޭ ގޮވޭނެ. ގޮވާނެ. ކިތަންމެ ބިލެއް ހެދިޔަސް ގާނޫނެއް ހެދިޔަސް މިކަން އޮންނާނީ މިހެން.

 5. ލާދީނީ ގޮވުން

  ލާދީނީ ގޮވުން ހުއްޓުވިދާނެ ލާދީނީ ކަންތައް ނުކުރާނަމަ. ލާދީނީ ކަންތައް ކުރާނަމަ ދެންކިޔަންވީ ކޮންނަމެއްތޯ؟ މިއުޒިކް ހުއްދަކުރާނަމަ، މަރަށް މަރު ނުހިފުން މިފަދަ ކަންތައްކުރާ މީހުންނަށް ކިޔާނެ ނަމަކީ ކޮބާ؟

 6. އަހުމަދު

  މެމްބަރު ޔައުގޫބް ހުށަހެޅި އިސްލާހަކީ އަސްލާމިކް މިނިސްޓްރީގެ ހުށަހެޅުންތަކާ ގާތް އެއްޗެއް. އެ ހުށަހެޅީ ވެސް އަދި އިންތިމެނައް ލާދީނީ ބިލު ފާސް ކުރަން ނުކެރިގެން އުޅެނީވެސް ﷲގެ އިރާދަ ފުޅައް ފަހު، ރައްޔިތުން ތިޔާ ދެކޮޅުވީމަ

 7. ބަޔަކު ލާހެދުމުން ތަހުޒީބު ދިވެހިން

  ކީއްކުރާނީ ދިވެހިންނަކީ ތަންދޮރު ދަންނަ ރޯފިލާތިބި ބައެއްނަމަ ކަލޭމެންކަހަލަ މީހުން ތިޔަކަހަލަ މަގާމުތަކުގަ ނުތިބޭނެކަމީ ހަމަ ޔަގީން ކަމެއް