ދިވެހިވަންތަ އުފެއްދުންތައް ކުރިއަރުވަން މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އާޓްސް، ކަލްޗަރު އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތަކުގައި އަމިއްލަވަންތަ ކަމުގެ ސިފަ ޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދިވެހި ފަންނުވެރިންނަކީ ކުޅަދާނަ ބައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަމިއްލަ އުފެދެއްދުންތައް މިހާރަށް ވުރެ ގިނަ ކުރަން ޖެހޭ ކަމަށެވެ. އަދި އެ ތަކެތި އިޝްތިހާރު ކުރުމަށް ޔުމްނާ ވަނީ މީޑިއާތަކުގެ އެހީއަށް އެދިވަޑައިގެންފައެވެ.

"ގައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން އުފައްދާ ފަންނުވެރި އުފެއްދުންތަކަކީ ދިވެހިވަންތަ، ދިވެހީންގެ އަމިއްލަ އުފެއްދުންތަކަކަށް ހެދުން މުހިއްމު" ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޔުމްނާ އެ އިޝާރާތް ކުރެއްވީ ހާއްސަކޮށް ލަވަތަކާއި ފިލްމުތައް ހެދުމުގައި ބޭރުގެ އެކި އުފެއްދުތައް އަސްލަކަށް ބަލައިގެން ގިނަ ފަންނުވެރިން މަސައްކަތް ކުރާ ކުރުމަށެވެ. އެ އާދަ ދޫކުރުމަށްފަހު އަމިއްލަވަންތަ އުފެއްދުންތަކަށް އިސްކަން ދިނުމަށް މިނިސްޓަރު ވަނީ ހުރިހާ ފަންނުވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

ފަންނުވެރިންގެ ހުނަރުތައް އިޝްތިހާރުކުރަން މީޑިޔާގެ އެހީތެރިކަމަށް މިނިސްޓަރު އެދިވަޑައިގަތުމުން ބައެއް މީޑިޔާތަކުގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.

އެގޮތުން މިނިސްޓަރުގެ ޓްވީޓަށް "ސަންގު" ޓީވީން ކުރި ކޮމެންޓެއްގައި ވަނީ ފަންނުވެރި ފަންނާނުންގެ މަސައްކަތްތައް ކުރި ނާރަނީ މީޑިއާތަކުގެ އެހީތެރިކަން ނުލިބެގެން ނޫން ކަމަށް ބުނެފައެވެ.

"ސަންގުން" ބުނާ ގޮތުގައި އެ ދާއިރާ ކުރި ނާރަނީ އެކަންކަމުގެ މަސްއޫލިއްޔަތުތައް ހަވާލުވެފައިވާ މިނިސްޓްރީގެ އެއްބާރުލުން މީޑިޔާތަކަށް ނުލިބޭތީއެވެ. އަދި މީޑިޔާތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން ކަމަށް އެ ނޫހުން ފާހަގަކުރެއެވެ.

ފަންނުވެރިންނަށް މީޑިއާގެ އެހީތެރިކަން ލިބޭ ކަމަށް ބުނެ އެ ނޫހުން ވަނީ ރޭ ދެއްކި ފަންނާނުންގެ ޝޯ އަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި ބުނެފައެވެ.

"ފަންނުވެރި ފަންނާނުންގެ މަސައްކަތްތައް ކުރި ނާރަނީ މީޑިއާތަކުން އެހިތެރިނުވެގެންނެއް ނޫން، ނަމަވެސް ކަމަނާ ހިމެނޭ ގޮތުން ތިޔަ ވުޒާރާއިން މީޑިއާތަކުގެ މެދުގައި ގެންގުޅޭ ތަފާތެއްގެ ސަބަބުން. ރޭގަ ދެއްކި ފަންނާނުންގެ ޝޯވ އަކީ އޭގެ މިސާލެއް!" ސަންގުން ކުރި ކޮމެންޓްގައިވެއެވެ.