ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އިމާރާތުގެ ޓެރަސް ވޯޓާ ޕްރޫފްކުރުމާއި، ފެންސްވޯލް ހެދުމާއި، އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މީގެ ކުރިންވެސް އިއުލާން ކުރިއެވެ. މިއަދު ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ގާތްގަނޑަކަށް 6200 އަކަފޫޓް ބޮޑުމިނުގައި ޓެރަސްމަތީގައި މިހާރު އަޅާފައިވާ ތަޅުންގަނޑު ނަގައި ވޯޓާ ޕްރޫފް ކުރުމަށްފަހު އަލުން ތަޅުން އެޅުމުގެ މަސައްކަތާއި ޓެރަސްމަތީގައި މިހާރު ހުރި ފެންސްވޯލް ނަގައި އަލުން ފާރު ރޭނުމުގެ މަސައްކަތާއި އަދި ކުރަން ހުރި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިންނެވެ. ޕްރީ ބިޑް މީޓިން އަދި ސައިޓް ސާވޭކުރުން އޮންނަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. މައުލޫމާތު ސާފުކުރަން މަޖިލީހަށް މެއިލްކުރަން ވަނީ އިލްތިމާސްކޮށްފައެވެ. ބިޑު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް އަދި މައުލޫމާތު ސެޝަންއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

މަޖިލީހުގެ 13 ބުރީގެ އިމާރާތުގެ މަސައްކަތް ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ. 111 މިލިއަން ރުފިޔާގެ އެމަޝްރޫއުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. ނަމަވެސް މަސައްކަތް ނިމި އިމާރާތް މަޖިލީހުގެ އިދާރާ އާއި ހަވާލުކުރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯގޯސް

    މަޖިލިސް ގިރިޓީ ކޮ އް ވަރުނިސްލާން ބިޑަޢްލާންވީނު