ހަރުކަށި ފިކުރަކީ ކޮބައިކަން ގާނޫނުގައި ސާފުކޮށް ބަޔާން ނުކޮށްދީ އެމްޑީޕީން އެންމެ ފަހުން ފާސް ކުރި ގަރާރަށް އަމަލު ކުރާ ނަމަ ނުރައްކާ އިންތިހާއަށް އޮތް ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެގޮތަށް މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައި ވަނިކޮށެވެ.

އަދި އެ ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށް ކަނޑައަޅައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ގަރާރެއް ހުށަހަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ.

ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނިރުބަވެރިން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާފައެވެ.

މި ގަރާރާ ގުޅިގެން "ވަގުތު" އާ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާނަމަ، އެ ފިކުރުގެ މީހުން ކަނޑައަޅާނެ ގޮތް ގާނޫނުގައި ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.

އެހެން ނޫންނަމަ "ހަރުކަށިކަން" ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ގާތް ކަމެއް ކަމަށް ވިދާޅުވިއެވެ.

"ހަރުކަށި މީހުންނަކީ ކޮބައިކަން ގާނޫނުގައި ބަޔާން ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި ނަމަ ކޮންމެ މީހަކުވެސް ހައްޔަރު ކުރެވިދާނެ ހަރުކަށި މީހެކޭ ކިޔާފައި. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އެމްޑީޕީއިން ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމަކަށް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުން މި ދަނޑިވަޅުގައި ހަރުކަށި ފިކުރު މީހުން ހިފާ ހައްޔަރުކުރަން ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ އެއްވެސް އަސާސެއް ނެތެވެ.

އެއީ ރައީސް ނަޝީދަށް އަމާޒުވި ނިރުބަވެރި ހަމަލާގެ ފަހަތުގައިވާ އިސް މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަން ފުލުހުން ހާމަކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރަކަށް ވާތީ ގައުމުގެ ހާލަތު ނުރައްކާ ވެއްޖެނަމަ، އެ ހާލަތަށް ރިއާޔަތްކޮށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ކަމުގައި ގަބޫލުރައްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދި މާޒީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ވެސް ގައުމަށް އޮތް ނުރައްކަލަށް ބަލައިގެން ކަމުގައި ފާހަގަކުރެއްވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށް އެމްޑީޕީން ގަރާރެއް ފާސްކުރި ނަމަވެސް އެ މައްސަލާގައި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާނޭ

    ތިޔައީ އެްމެނަށް އެގޭ ކަމެއް. ޢެމް.ޑީ.ޕީ އިން އަބަދުވެސް އުޅޭނީ ބާރު ދައްކައިގެން މީހުނާށް މާހެޔޮއެދޭ ބަޔަކަށް ވެގެން. ހަމަ ފަހުޒަމާނުގެ މުސީބާތެއް. ބޭނުންވާނީ ވެރިކަން. ބާރު. ޖާހް.