އަދާލަތު ޕާޓީއަށް ސޮއިކުރާ ފަރާތްތަކަށް ފައިސާ ހުށަހަޅަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ޕާޓީން މިއަދު ދޮގު ކޮށްފިއެވެ.

ޕާޓީއަށް ސޮއިކުރާ ކޮންމެ މީހަކަށް ފައިސާގެ ގޮތުގައި 1،500 ރުފިޔާ ދޭނެ ކަމަށް ބުނެ މެސެޖްތަކެއް ދަނީ ދައުރު ކުރުވަމުންނެވެ. ބައެއް މީޑީއާތަކުން މި ކަން ރިޕޯޓް ވެސް ކުރިއެވެ.

އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު އަލީ ނަޒީރު "ވަގުތު" އަށް ވިދާޅުވީ "އެއްވެސް ބަޔަކަށް ފައިސާއެއް ނުދެން، އެއީ ހުސް ދޮގު" ކަމަށެވެ.

ނަޒީރު ވިދާޅުވި ގޮތުގައި ދޮގު ވާހަކަތައް ފަތުރަމުން ދަނީ އަދާލަތާ ވާދަވެރި ފަރާތްތަކުންނެވެ. އެ މީހުންގެ މަގްސަދަަކީ ޕާޓީން މެންބަރުން އިތުރުކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާ ނަޒީރު ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި މިހާރުވެސް 7000 އާ ގާތްކުރާ އަދަދަކަށް މެންބަރުން އެބަތިއްބެވެ. އަދާލަތުން ދާދި ފަހުން ވަނީ 10،000 މެންބަރުން ހަމަކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ.

އެ އަދަދަށް މެންބަރުން ހަމަނުވާތީވެ އިލެކްޝަން ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް ފައިސާއެއް ނުދެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން ދައުލަތުގެ ފަރާތުން ފައިސާގެ އެހީ ކަނޑައަޅާނީ މަދުވެގެން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ފަސް ވަނަ އަށް މެންބަރުން ގިނައީ އަދާލަތު ޕާޓީގައެވެ. ހަތަރުވަނައަށް އެންމެ މެންބަރުން ގިނައީ އެމްޑީއޭގައެވެ. މި ދެ ޕާޓީގައި ވެސް 10،000 މެންބަރުން ހަމައެއް ނުވެއެވެ.

10،000 އަށް ވުރެ މެންބަރުން ގިނައީ ތިން ޕާޓީއެއްގައެވެ. އެއީ އިންތިޚާބުތަކުގައި ވެސް އެންމެ ގިނަ ވޯޓު ހޯދާ ތިން ޕާޓީއެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ޕީޕީއެމްއެވެ. ތިންވަނައިގައި އޮތީ ޖުމްހޫރީ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސެރބސ

    ކުޑަކުދިން ނަމާދުކުރުމާ ދެކޮޅު ޕާޓީ. ސެކިޔުލަރިޒަމް ތި އުފުލަނީ ކަލޭމެނގެ ކޮނޑުމަތީގަ.
    ވަރަށް ސަލާމް.

  2. ޢިއްތިހާދު

    2023 ވަނައަހަރު 3ހާސްހަމަނުވާނެ ތިދެޕާޓީގަވެސް މިގައުމު ހަލާކުކުރާބައެއް ކޯލިޝަނޭކިޔާފަ އިންތިހާބެއްބޯމަތިވާއިރައް ޔައްމާއިންޖީނޭ ކިއާފަދުވާނެ ފިރިމީހާ ފަހަތުންމަސްބޯޓެއްދުވާހެން ދާއަޅަން