އެމްޑީޕީން އެންމެ ފަހުން ފާސް ކުރި ގަރާރުގެ މަގްސަދަކީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ސިޔާސީ ފަރާތްތައް ހައްޔަރުކުރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށް ކަނޑައަޅައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ގަރާރެއް ހުށަހަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ ފާސްކޮށްފައެވެ.

ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނިރުބަވެރިން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާފައެވެ. މި ގަރާރު ގައުމީ މަޖިލީހުން ފާސްކުރީ 39 މެންބަރުންގެ ވޯޓުންނެވެ. އެއީ ގައުމީ މަޖިލީހުގެ ވެސް ކުޑަ ނިސްބަތެކެވެ. 140 އެއްހާ މެންބަރުން ތިބޭއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ބައްދަލުވުން ބޮއިކޮޓްކޮށްފައެވެ.

މި ގަރާރާ ގުޅިގެން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު "ވަގުތު" އަށް ވިދާޅުވީ، މިއީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (ބްދުﷲ ގާޒީ) ހައްޔަރު ކުރި އުސޫލުން ނަޝީދާއި ހިޔާލުތަފާތުވާ މީހުން އަންނަ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށްޓަކައި ރޭވި ރޭވުމެއް ކަމަށެވެ.

"މިއީ އަބްދުﷲ ގާޒީ ހައްޔަރު ކުރި އުސޫލުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ ބޭނުމުގައި ނަޝީދު ކުޅޭ ގޭމެއް" އުމަރު ވިދާޅުވިއެވެ.

އުމަރު ސިފަކުރެއްވި ގޮތުގައި، ބައިނަލް އަގްވާމީ މުޖުތަމައުގައި މިހާރު ވެސް ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނަކީ "ހަރުކަށި ފިކުރު" މީހުނާ ގުޅުން އޮވެ އެ މީހުން ރުއްސަން އުޅޭ ބައެއްގެ ގޮތުގައި ނަޝީދު ވިދާޅުވަނީ ވެސް އެ ބޭނުމުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް ބަންދު ކޮށްފައި ވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބޭރުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ބައެއް ފަރާތްތަކުން އެ އަމަލު ސިފަކޮށްފައިވަނީ ގާޒީ "ރަހީނު" ކުރުމަށެވެ. ގާޒީ ހައްޔަރު ކޮށްފައިވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ މަގުމަތީ ހަރަކާތްތަކާއި މުޒާހަރާތައް ވަރުގަދަވެސް ކުރިއެވެ.

ފެބްރުއަރީ 7، 2012 ގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު އެ މުޒާހަރާގައި ބައިވެރިވެ، އެއަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ނަޝީދު ވަނީ ރައީސް ކަމުން އިސްތިއުފާ ދެއްވައިފައެވެ. ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެ ދުވަހު ހިނގާފައިވަނީ "ބަޣާވާތް" އެކެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން ބުނަނީ ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ. އެ ކޮމިޝަނުގެ ތަހުގީގަކީ ނަޝީދުގެ މަންދޫބެއް ވެސް ހިމެނި، ނަޝީދުގެ އެއްބާރުލުމާއި ޚިޔާލާ އެއް ގޮތަށް ހިންގި ތަހުގީގެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮރަލް

  އަލުން އޭނަ ހަދާފަ ހުރި ދޮގުތައް ހާމަކޮށް ފޮތެއް ނެރެން ވީ އެވެ.

  17
  1
  • Anonymous

   މިހާރު އެފޮތުގައި އުމަރު ހެދި ދޮގުތައްވެސް ހުރޭ.. ޔާމީން އޮފީސްތެރެއިން ފެނުނޭ ހުމާމް

   10
   5
 2. ރަބަރޭ

  ހަމަ އެހެން ބޭނުންވާ އިރަށް ބޭނުންހާ ބަޔަކު އެމްޑީޕީގެ ގަރާރަކުން ހައްޔަރު ކުރެވޭތަ

  13
  1
 3. ހުސޭނުބެ

  ޒުވާނަކަށް ލަޓިބުރިއެއް ދީފަ ބެކްބޯންއެއް ބިންދާލަނިކޮށް ތިކަން އުމަރަށް ހައްލުވެދާނެ. ޙައްލަކީ ބުމަރު

 4. ސސ

  އެމްޑީޕީގެ ލީޑާޝިޕަކީ ޕާޓީ މެމްބަރުންނަށް އޮޅުވާލައިގެން އިސްތިއުމާރީ ބާރުތަކު ފަންޑުކޮށްގެން ދިވެހިރާއްޖެ އިސްތިޢުމާރު ކުރަން އިގިރޭސިން އަޑީގައި ތިބެގެން އުފެއްދި ބައިގަޑެއް 30 އަހަރުގެ ސަރުކާރާއި ދެކޮޅަށް ސަރުކާރު ބަދަލްކުރަން 2008 ގެ އިންތިހާބަކީވެސް އަސްލު ރައްޔިތުން ބޮޑު އޮޅުމެއްގެ ތެރޭގައި ރުޅިވެރިކަމުގެ ތެރެއިން ހިގާދިޔަ އިންތިހާބެއް !