މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރްޕީ) ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތައް ކޮންސަލްޓެންސީ ދިނުމަށް މަޝްހޫރު ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ކޭޕީއެމްޖީއާ ހަވާލުކޮށްފިއެވެ.

އެމްޕީއެލްގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމެވެ. އަދި ކޭޕީއެމްޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕާންޓަނަރ ސާލިޔާ ޖަޔަވީރައެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގައި އީއާރްޕީ ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ދިސާރާތައް ހެދުމާއި، އެ މަސައްކަތުގައި ފަންނީ ލަފާ ކޭޕީއެމްޖީގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އީއާރްޕީ ސިސްޓަމަކީ އެމްޕީއެލްގެ މަސައްކަތްތަކަށް ބޭނުންކުރާ އެކި ވަސީލަތްތަކާއި، ލިޔެކިއުންތައް އެއް ސިސްޓަމެއްގެ ދަށަށް ގެނެސް އެމްޕީއެލްގެ ހިންގުން ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެގޮތުން މި ސިސްޓަމުގެ ސަބަބުން ޒަމާނީ ނިޒާމެއްގެ ތެރެއިން އެމްޕީއެލްގެ އިދާރީ ހިންގުމާއި އޮޕަރޭޝަން ލެވެލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މިފަދަ މަސައްކަތްތައް ކުރުމުގައި ކުންފުނިން ކުރަންޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

މީގެއިތުރުން އެމްޕީއެލްގެ އެކި ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް މޮނީޓާކުރުމަށް ފަސޭހަވެ، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއަށް ކުންފުނީގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ހިމެނިގެންދާނެ ކަމަށް ވެސް އެމްޕީއެލް އިން ވިދާޅުވިއެވެ.

އެމްޕީއެލް އިން ދަނީ ކުންފުނީގެ ހިންގުން ޒަމާނީކޮށް ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދެމުންނެވެ. އެގޮތުން މީގެކުރިން އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އޮންލައިންކޮށް ބައެއް ހިދުމަތް ތައާރަފްކޮށްފައެވެ.