ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާންއަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިމެސެޖްގައި، ސަރުކާރު ކޯލިޝަނުން ތުރުކީގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ މެޖޯރިޓީ ހޯއްދަވާފައިވާތީ އެކަމާ ގުޅިގެން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީގެ ރައީސަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތުރުކީގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށާއި، އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާ ފާގަތިކަން ހޯއްދަވައިދެއްވުމަށް ތުރުކީގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

އަދި ދިވެހިރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތްގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް އެރްތުޤާންގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި އިސްލާމީ އުއްމަތަށް ދިވާމެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށެވެ.