ކޮވިޑް-19 އިން ދިފާއުވުމަށް އެސްޓްރާޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ މީހުން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގާށެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ވެސް ދެވަނަ ޑޯޒް ދެން ދޭނީ އެސްޓްރާޒެނެކާ އިންނެވެ.

އެޕޮއިންޓްމަންޓް ހެދުމަށް ބޭނުންކުރާ ޕޯޓަލްގެ ލިންކް

ވެކްސިން ޖެހުމަށް އެޕޮއިންޓަމަންޓް ހެއްދުމަށް ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުނު ކަމުގެ މެސެޖެއް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް އެޕޮއިންމެންޓް ހެއްދުމަށް އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެ މީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހަ ސެންޓަރަކުންނެވެ. އެއީ، ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް ފިޔަވައި ބާކީ ހުރި ފަސް ސެންޓަރުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ވެކްސިން ޖެހޭ އާބާދީގެ 262،128 މީހަކު ވަނީ މިހާރު ވެކްސިން ފުރިހަމަކޮށްފަ އެވެ. 321،523 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ނަމަވެސް އަދިވެސް %27 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައެވެ. ސަރުކާރުން ނިންމާފައި ވަނީ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށައި އޮގަސްޓް މަސް ނިމުގެ ކުރިން %90 މީހުންނަށް ވެކްސިން ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމާ

    ސަރުކާރަކަށް ނުނިންމޭނެ ރައްޔިތުންގެ ހިޔާލު ނުހޯދާ އެންމެނަށް އެއްވެސް އެއްޗެއް ޖަހާކަށް....%.90 ވެކްސިންޖެހީމަ ސަރުކާރަށް ކިތައް މިލިއަންޑޮލަރުގެ ހިލޭ އެހީ ލިބޭބާ؟ރައްޔިތުންނަށް ހިލޭއެހީގެ ދަށުން ޑަބްލިޔުއެޗްޢޯ އިން ލިބުން މާސްކް ކޮންޓެއިނަރުން ކިތައް މާސްކް ހިލޭ ދިންބާ؟ އެމާސްކް ކޮންޓެއިނަރުގަ މިލިއަނުން ހުރި މާސްކްތައް ސަރުކާރު ހިއްސާވާ ބޭސް ފިހާރަތަކަށް ލައިގެއް ވިއްކީނޫންބާ؟

  2. ލލ

    ރާއްޖޭގައި ކޮވިޑް ފެތުރުނު ފަހުން ވިހާ ކުދިންގެ އަދަދު ބޮޑުތަނުން މަދު ކަން ފާހަގަވެފައިވޭ ތަފާސް ހިސާބުން !