ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު މީހެއްގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލައިގެންފައިވާ ކަމަށެވެ.

އޭނާއާ މެދު ދައުވާ ކުރުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ނިންމައި އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން [ޕީޖީން] މިހާރު އިންތިޒާރު ކުރަމުން މި ދަނީ ފުލުހުންގެ ބައެއް ފޮރެންސިކް ރިޕޯޓްތަކަށް، ތަހުގީގު ދަނީ ބާރަށް ކުރިއަށް" ޕީޖީ ޝަމީމް ލިޔުއްވާފައިވެއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި ފުލުހުން ފޮނުވާފައި ވަނީ ފަސްވަނައަށް މި މައްސަލާގައި ހައްޔަރު ކުރި މީހާއެވެ. އޭގެ ކުރިން ހައްޔަރު ކުރި ހަތަރު މީހުނަށް ދައުވާ ކުރަން ފުލުހުން ކުރިން އޮތީ ފޮނުވައިފައެވެ.

އެންމެ ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުނަކީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދުއާއި، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ދަރަވަންދޫއިން ހައްޔަރު ކުރި ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހެވެ.

މި ފަސް މީހުނަށް ދައުވާ ކުރަން ފޮނުވިއިރު، ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ. ޕީޖީ ޝަމީމް ވިދާޅުވީ ގާނޫނީ އަދި އިދާރީ މައްސަލައަކާ ގުޅިގެން ދައުވާ ބާތިލްވާނެ ގޮތެއް މި ފަހަރު ނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

އަދުހަމްއަކީ ހަމަލާ ދިނުމަށްޓަކައި، އަތަމާ ޕެލެސް ގޯޅީގައި ހުރެގެން ބޮން ގޮއްވާލި މީހާއެވެ. ތަހުމީނަކީ މި މައްސަލާގައި ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލުގެ ވެރިފަރާތެވެ.

މުޖާޒްއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލައިގެން ދިއުމާއި، ލައިގެން ހުރި އަންނައުނު ބަދަލުކޮށް، މާލެ ތެރޭގައި ފިލައިގެން އުޅުމަށް މަގުފަހިކޮށްދިން މީހާއެވެ. އަދި ފާތިހުއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލަން އެހީތެރިވުމަށް، މުޖާޒްގެ ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

މި ފަސް މީހުންގެ އިތުރުން މި މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރު ކުރެވުނެވެ. އެއީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ދެން ހައްޔަރު ކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީ، މ. ކުދުހިގެ އިސްހާގް، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، އަދި ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކެވެެ.

ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގައެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑިކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އިނގިރޭސިވިލާތަށް ވެސް ވަޑައިގަތީ އިތުރު ފަރުވާއަށް ކަމަށް އާއިލާއިން ވިދާޅުވެއެވެ.