ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ކ. އަތޮޅު ކާށިދޫގައި އެ ބަލީގެ ކަންކަމުގައި އޮޅުވާލުމާއި، ދެކޮޅުހެދުމާއި އުސޫލުތަކާއި ހިލާފުވާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ޖުލައި 13 ވަނަ ދުވަހު ކޮވިޑް-19 ފެނި ބަންދު ކުރި ކާށިދޫގައި އޭގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުން މިއަދާއި ހަމައަށް 138 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި ދެ މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ޖެހިފައިވާ މީހުންވެސް ހިމެނެއެވެ. އަދި މިފަދަ މީހުންނަކީ ނިސްބަތުން ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކާށިދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެރަށުން ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާއިރު، އެ ބަލީގެ އެކި ކަންކަމާއި ގުޅޭގޮތުން ރަށުގެ ރައްޔިތުން އޮޅުވާލުމާއި ދެކޮޅު ހެދުމާއި، އަދި އުސޫލުތަކާއި ހިލާފުވާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެރަށުގައި ސުންކު (ސާމްޕަލް) ނުދޭން އުޅޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަަމަށެވެ. އަދި ފައްސިވި މީހުންނާއި ގާތުން ބައްލުވެފައި ވީނަމަވެސް، އޮޅުވާލާ މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓީން އުސޫލާއި ހިލާފަށް ބޭރު ތެރޭގައި މީހުން އުޅޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

މީގެ ކުރިންވެސް ބައެއް ރަށްތަކުގައި ނުރައްކާ މިންވަރަކަށް ކޮވިޑް ފެތުރިގެން ގޮސްފައި ވަނީ މިފަދަ މައްސަލަތަކުގެ ސަބަބުންނެވެ. އަދި އެކަން ކަމާއި ގުޅުން ހުރި އިދާރާތަކުންވެސް ފާހަގަކުރެއެވެ.

"ޓްރާސިންގއަށް ގުޅުމުން ދޮގު ހަދާ ކަރަންޓީން ނުވި ބައެއް މީހުން އެބަ ހުރި ފަހުން ފައްސިވެފައި". އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވަނީ، ރަށުގެ ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދީގެން އެރަށް ކޮވިޑުން އަރައިގަތުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔާ މީހާ

    ހާލަތު ގޯސް ކުރީ ހިއްސީ ހިދުމަތް ދޭން ތިބި މީހުން. ޑައިރެކްޓް ކޮންޓެންޓް ވީ މީހުން ނަން އެއްބަޔަކީ 14 ދުވަސް އަނެއް ބަޔަކު ސާންޕަލް ނަގާފަ ނެގެޓިވުމުން ދޫ ނޮންލާފަ ެ އެބަހުރި. ހިއްސީ ހިދުމަތް ދޭ ތަނުން 2 މީހުން ޕޮޒިޓިވް ވުމުން އެ މީހުން ނާ ދިމާވި މީހަކު ނެތް. އެމީހުން މީންރެކި ރައްޔިތުން ބޮލަށް ޖެހީމަ ކަމަކު ނުދާނެ.

    7
    3
  2. Anonymous

    ކާށިދު އެކަންޏެއް ނޫން. ގިނަ ރަށްރަށުގެ ހާލަތު ގޯސްވެގެން ދިޔައީވެސް ތިބުނާ އޮޅުވާލުމާ އުސޫލުތަކާ ޚިލާފްވުމުން.

    9
    1
  3. Anonymous

    ރައްޔިތުން އޮޅުވާލަނީ އިންސާފުން ކަންކަން ނުކުރާތީ. ކާށިދޫގެ ޓާސްކްފޯސްގެ އިސްމީހާ އުޅޭނީ ދަތްދޮޅީގައި މާސްކުއަޅައިގެން.

  4. އަޙްމަދް

    ކޮވިޑް 19 އޭ މިކިޔާ ބަލީގެ އަސްލަކީވެސް މަކަރުހެދުމާއި އޮޅުވާލުމާއި ސައްޙަ މަޢުލޫމާތު ދިނުން ދެކޮހެދުމާއި އެކު ސިއްޙި ބިރުވެރިކަން އުފެއްދުމެވެ.