ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އަމިއްލަ ތަކެތީގައި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ގާއިމް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވާ ކަަމަށެވެ.

ވިލިމާލޭގެ ކައުންސިލަރ ނަހުލާ އަލީ ވިދާޅުވީ، ޖޫން ހަތަރު ވަނަ ދުވަހު ވިލިމާލޭ ކޮމިޓީ ބައްދަލުވުމުގައި އޭނާ ހުށަހަޅާ ވިލިމާލޭގައި ޒަމާނީ ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ދާއިރާގެ ރައްޔިތުންގެ ކަންކަން ހައްލު ކުރުމަށް އަޅުގަނޑު ކެނޑިނޭޅި މަސައްކަތް ކުރާނަން". ނަހުލާ ވިދާޅުވިއެވެ،

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ވީމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުމަށް އެދިފައެވެ. އެގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 22 ވަނަ ދުވަހު ގެ ހެނދުނު 10:00 އަށް ސިޓީ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިޔުމަށް އެ ކައުންސިލުން އެދިފައިވާއިރު، އަގު ހުށަހެޅުމަށް ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ސިޓީ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަން އަށް ދިޔުމަށްވެސް ސިޓީ ކައުންސިލުން އެދިފައިވެއެވެ.