މާލެ ސަރަހައްދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެތަނުން ދޫކޮށްލުމުން ފުރަތަމަ ފަހަރަށް ފަރުވާދޭނެ އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެއެވެ.

ކޮވިޑް ޖެހިގެން މާލެ ސަރަހައްދުގައި އެޑްމިޓުކޮށްގެން މިއަދު ތިން މީހަކަށް ފަރުވާދެވެމުން ދިޔައެވެ. އޭގެ ތެރެއިން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ ބަލި މީހާ މިރޭ ދޫކޮށްލުމުން މާލޭ ސަރަހައްދުގައި މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ދެމީހުންނަށެވެ. ދެ މީހުންނަށް ވެސް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

މިހާރު ކޮވިޑް ޖެހިގެން މުޅި ރާއްޖެ އިން ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 13 މީހުންނަށެވެ. އޭގެ ތެރެއިން ދެމީހުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހުރި ކޮވިޑް ފެސިލިޓީތަކުގައެވެ.

މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ އަހަރުގެ ޖޫން މަހު ގާއިމު ކުރި ފެސިލިޓީން ބަލި މީހުން މިއަދު ހުސްވި ނަމަވެސް މިދިޔަ މެއި މަހު އެތަނުގައި އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މުޅި ފެސިލިޓީގެ މަސައްކަތް ބޮއްސުންލައިގެން ދިޔައެވެ.

މެއި މަހު އެވްރެޖްކޮށް ދުވާލަކު 1100 މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވަމުން ދިޔައެވެ. މެއި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް 244 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގޮސްފައި ވެއެވެ. އެންމެ ގިނަ މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު 294 މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ގިނަ ބަޔަކަށް މިހާރު ވެކްސިން ދީފައި ވާތީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިމަހު ރާއްޖެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ހުރީ 117 ގައެވެ. މިމަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ހުރީ 17 ގައެވެ. މިމަހު އެންމެ ގިނަ މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދިނީ މިމަހުގެ 09 ވަނަ ދުވަހު އެވެ. އެދުވަހު 26 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒީރޯ ޓޮލަރަންސް

    الحمد لله

    10
  2. ޙައްޖަ

    ‎الحمد لله‎‬