ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް މިހާތަނަށް ވެކްސިން ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ހާމަކުރައްވައިފިއެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކުން އެޕޮއިންޓްމެންޓް ދޫކުރާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއް ރީޓުވިޓު ކުރައްވައި މަބްރޫކު ވިދާޅުވީ، ރާއްޖެއަކީ ވެކްސިންޖެހޭ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި ކުރީގެ ހާލަތަށް ދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އަވަސް މުސްތަގްބަލެއްގައި ކުރީގެ ހާލަތަށް ދިއުމަށް ހުރިހާ އެންމެން ވެކްސިން ޖަހަން ޖެހޭ ކަމަށާއި އެކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެކްސިންގެ މުހިންމުކަން އެހެން މީހުން ބުނެދިނުން ވެސް މުހިންމު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް އުސޫލުން ފުރުސަތު ހުޅުވާލާފައިވާއިރު، އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 321،594 މީހަކު ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 263،067 އަށް އަރާފައެވެ.

ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ހޯދާފައިވާއިރު، ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމް މާދަމާ ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައްޓު

    ފައިޒާ ވެކްސިން ގެނައީތޯ. އޭރުން މި ރާއްޖޭ އެންމެން ވެކްސިން ޖަހައިގެން ތިބޭނީ