އއ.އަތޮޅު ރަސްދުއަށް އައުމަށް ބްކިން ހައްދައިގެން ރާއްޖެ އައި ދެފަތުރުވެރިޔަކު ރާއްޖެއަށް އެތެރެވާން އިމިގްރޭޝަނުން ހުއްދަ ނުދިނުމުން އެރަށުގެ ގެސްޓްހައުސް ވިޔަފާރިކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރަސްދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި އެމެރިކާގެ ދެފަތުރުވެރިޔަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނީ ދެފަތުރުވެރިން ވެކްސިން ނުޖަހައި ތިބުމުންނެވެ. ނަމަވެސް އެޗްޕީއޭ އިން އާއްމުކޮށްފައި އޮންނަ އުސޫލު ބުނާ ގޮތުން ފަތުރުވެރިން ވެކްސިން ނުޖަހައި ތިބި ނަމަވެސް ގެސްޓްހައުސް ހުންނަ ރަށުގެ އާބާދީގެ %60 މީހުން ވެކްސިން ޖަހާފައިވާނަމަ އެރަށަކަށް ފަތުރުވެރިންނަށް ދެވޭނެއެވެ. ރަސްދޫގެ %72 މީހުން ވަނީ މިހާރު ވެކްސިން ފުރިހަމަ ކޮށްފައެވެ.

"އެމެރިކާ އިން އައި ދެފަތުރެރިން ހެނދުނު 07:00 ކަންހާއިރުން ފެށިގެން މެންދުރު ގާތްގަނޑަކަށް އެކެއް ޖަހަންދެން ތިބީ އެއާޕޯޓްގައި. އެމީހުންނަށް އެންމެ ފަހުން އެންގީ ޑީޕޯޓް ކޮށްލަނީއޭ ރިސޯޓަކަށް އަމިއްލައަށް ބްކިން ނުހައްދާނަމަ. އެހެންވެ އެންމެ ފަހުން އެފަތުރުވެރިން ވަނީ ރިސޯޓަކަށް ބްކިން ހައްދައިގެން ގޮސްފައި." ރަސްދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ރަސްދޫގެ ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި އެޗްޕީއޭގެ އުސޫލު ބުނާ މިންވަރަށްވުރެ އިތުރަށް ރަސްދޫގެ އާބާދީއަށް ވެކްސިން ޖަހާފައި ވަނިކޮށް ވެސް ވެކްސިން ނުޖަހާ ފަތުރުވެރިންނަށް އެރަށަށް އެތެރެ ވުމުގެ ހުއްދަ ނުދިނީ އެމައުލޫމާތު އެޗްޕީއޭ އިން އިމިގްރޭޝަނާއި ހިއްސާކޮށްފައި ނެތުމުން ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ.

ރަސްދޫގެ ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާދަމާ ވެސް އެރަށަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައުމަށް ބްކިން ހައްދާފައި ވާއިރު އެފަތުރުވެރިންނަށް ވެސް އެތެރެވުމުގެ ހުއްދަ ނުދީފާނެތީއެވެ. "އެޗްޕީއޭ އިން އަދިވެސް އިމިގްރޭޝަނަށް އެބުނާ ލިޔުމެއް ފޮނުވިކަމެއް ޔަގީނެއް ނޫން. އެހެންކަމުން މާދަމާ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރަސްދޫ ގެސްޓްހައުސްތަކަށް ބްކިން ހައްދާފައިވާ އެފަތުރުވެރިންނަށް ވެސް ރާއްޖެ އިން އެތެރެވުމުގެ ހުއްދަ ނުދިނުން އެކަށީގެންވޭ. އެހެންވެއްޖެނަމަ ރަސްދޫގެ އަގު ވެއްޓިގެން ދާނީ. އަދި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމަކަށް މިކަން ވެގެން ދާނީ." ގެސްޓްހައުސްގެ ވެރިޔަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ރަސްދޫން މައުލޫމާތުދޭ ގޮތުގައި މިއަދު ދެފަތުރުވެރިޔަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުން ވެސް ހެލްތު މިނިސްޓްރީ އާއި ޓްއަރިޒަމް މިނިސްޓްރީ އަދި އެޗްޕީއޭ އާއި އިމިގްރޭޝަނަށް ވެސް ގުޅައިގެން މައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނުލިބުނެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭ އާއި އިމިގްރޭޝަންގެ ބަހެއް އަދި ނުލިބެއެވެ.

ރަސްދުއަކީ ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ އެއްރަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އައުފު

  ތިޔައީ ތާކުން ތާކުން ޖެ ހޭ ތަންތަނެއް ނޫން. ރައްޔިތުންނައްް ތުރާ ނޫން ކަމެއް ކުރާކައް ނޭގޭ

  17
  3
 2. ަަަައަލީ

  އިމިގުރޭސަން ގަ ތިބެނީ ވަރަވާނުވާ ނޭގޭ ކުދިން..ވަރައް ނިކަމެތިކުދިން

 3. އަފޭ

  ރަގަޅު ކަންކުރެއްވި ގޮތް މިތާގައި އެބުނާ ގަވައިދާ ފަތުރު ވެރިއަކައް ވިޔަސް ހިލާފު ވެވިގެން ނުވާނެ ވެކްސިން ފުރިހަމ ނޮކޮއް އައްނާކަށެއް ނުޖެހޭނެ އެހެން ގައުމު ތަކައްވެސް ދެވެނީ ވެކްސިން ޖަހައިގެން

 4. ޙަލީ

  އިމިގްރޭޝަން އިން އަމަލުކުރަި ރަގަޅަށް ، އެޗްޕީއޭ ފަރުވާކުޑަކަމުން މިހާރު ހައްދު ފަނަޅާދަނީ ، މިކަހަލަ ކިތަންމެ ކަމުއް އެބަދިމާވޭ ،ވަރަށް ބޮޑަށް ފެއިލްވެފައި އެއޮތީ