ޕީޕީއެމްގެ މެޖޯރިޓީ އޮތް އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް ވުރެ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މާ ހުތުރު ކަންކަން ފެނިގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި މަޖިލީހަށް ވަންނަން ފުރުސަތު ނުދީ އަހަރަކަށް ވުރެ ގިނަ ދުވަހު އޮތެވެ. ބައެއް މެންބަރުން މަޖިލީހުގެ ތެރޭގައި ތިއްބައި، ސިފައިން މެދުވެރިކޮށް މަޖިލީހުގެ ތަޅުމުން ވެސް ބޭރުކުރިއެވެ.

މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުމުން މަޖިލީހުގެ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނައުމާއި، މެންބަރުން ތަޅުމަށް ވަންނަން ހުރަސް އަޅައި ހިނގި އެތައް ކަމެއްގެ ކަންބޮޑުވުން މެންބަރުންނާއި އާންމުންގެ މެދުގައި ވެސް އޮތެވެ.

ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް މި ފަހަރު ދިނެވެ. އެމްޑީޕީގެ "އެޖެންޑާ 19" މެނިފެސްޓޯއާއެކު މައިގަނޑު ވައުދެއްގެ ގޮތުގައި އޮތީ ވެސް "ނަޒާހަތްތެރި" މަޖިލީހެއް ހިންގުމެވެ.

އެހެން ވިޔަސް މި މަޖިލީހުގައި ވެސް ހިނގައިދިޔަ ބައެއް ކަންކަމާއި ހަމަނުޖެހުންތަކާ އެކު ރައްޔިތުންގެ ފާޑުކިއުން މި މަޖިލީހަށް ވެސް އޮތީ އަމާޒުވެފައެވެ. ރައްޔިތުންނަށް އެންމެ އަސާސީ ކަންކަން ދޫކޮށްލައި ސިޔާސީ ބަހުސްތަކުގައި އުޅޭ މަންޒަރު މާ ގިނަ ކަމަށް ބައެއް އާއްމުން ފާހަގަ ކުރެއެވެ.

އަށާރަވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ނަވާރަވަނަ މަޖިލީހަށް ދެވަނަ ދައުރެއް ކަށަވަރު ކުރެއްވި މަދު މެންބަރުންގެ ތެރޭގައި ހިމެނޭ އަލީ ހުސައިން "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވިދާޅުވީ، ކުރީގެ މަޖިލީހަށް ވުރެ މާ ހުތުރު ކަންކަން މި މަޖިލީހުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަލީ ފާހަގަ ކުރެއްވި ކަމަކީ ސިފައިން މެދުވެރިކޮށް މަޖިލީހުން މެންބަރަކު ބޭރު ނުކުރި ނަމަވެސް، މަޖިލީހުގެ މެންބަރުން މެދުވެރިކޮށް މަޖިލީހުގެ ތަޅުމުން މެންބަރަކު ބޭރު ކުރުމެވެ. "އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ނޯންނާނެ މަޖިލީހުގެ މެންބަރުން ބޭނުން ކޮށްގެން މަޖިލީހުގެ މެންބަރަކު ތަޅުމުން ބޭރުކޮށްފައެއް. މި މަޖިލީހުގައި އެ މަންޒަރު ވެސް ފެނިއްޖެ. މިއީ ވަރަށް ހުތުރު ކަމެއް." އަލީ ވިދާޅުވިއެވެ.

އަލީ ހުސައިން އިޝާރާތް ކުރެއްވީ، މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ގާނޫނު އަސާސީ ބަދަލު ކުރަން މަޖިލީހުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ބޭރުކޮށްލި ގޮތެވެ.

"މަޖިލީހުގެ މެންބަރުން އެކަކު އަނެކަކު ގަޔަށް އަތް ލައިގެން މަޖިލީހުގެ ތަޅުމުން ބޭރު ކުރާ ހިސާބަށް ދިޔައިމަ އަޅުގަނޑު ދަންނަވާނީ މި މަޖިލީހުގައި ވެސް ހެޔޮ ބަދަލެއް ނެތޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއއަށް ދަނީ -- ފޮޓޯ: މަޖިލީސް

ނަޝީދު މަޖިލިސް ހިންގާ ގޮތަށް ވެސް ފާޑުވިދާޅުވުން

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ނަވާރަވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "އާދަޔާ ޚިލާފް" ދިގުކޮށް ވާހަކަ ދައްކަވަން ފެއްޓެވުމުން ވެސް މި މަޖިލީސް ހިނގާނީ އެންމެ ރަނގަޅަށް ނޫން ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.

"ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއިން އަޅުގަނޑު އެކަން އެ ގޮތަށް ނިންމައިފިން. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާދަޔާ ޚިލާފަށް މާ ދިގުކޮށް ވާހަކަ ދައްކަވަން ފެށްޓެވީމަ އަޅުގަނޑު ބުނިން މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނޭ." އަލީ ވިދާޅުވިއެވެ.

އޭގެ ފަހުން މަޖިލީހުގެ މެންބަރަކު ދައްކަވާ ވާހަކައަށް ވެސް ރައީސް ނަޝީދު ރައްދު ދެއްވައި ޖަދަލު ކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެންބަރަކު ދައްކަވާ ވާހަކައަށް ވުރެ ވެސް ދިގުކޮށް މަޖިލީހުގެ ރައީސް ވާހަކަ ދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި އެއްވެސް އިންތިޒާމެއް އަދި ތަރުތީބެއް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ބޭނުން ވަގުތެއްގައި އެޖެންޑާއަށް ބަދަލުތަކެއް އައިސް ބޭނުން ވަގުތެއްގައި ވޯޓު ނަގާ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"ވޯޓުގެ ގަޑިއަކީ ކުރީ މަޖިލީހުގައި ވިއްޔާ އެއް ގަޑި ބައި އޮންނާނީ. އެ ނޫން ގަޑިއެއްގައި ވޯޓު ނެގުމެއް ނޯންނާނެ. މިހާރު އެގާރަ ގަޑި ބައިގަ ވެސް ވޯޓު ނަގާފާނެ. ދޭއް ޖަހާއިރު ދެ ގަޑި ބައަށް ވެސް ހިނގައިދާނެ. އެއްވެސް ތަރުތީބެއް އިންތިޒާމެއް ނެތި އެ ކަން ވެސް ހިނގަނީ." އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އެއް ސިޔާސީ ޕާޓީއަކަށް "އާދަޔާ ޚިލާފް ބޮޑު" އަޣުލަބިއްޔަތެއް މަޖިލީހުގައި ދިނުމަކީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މިއަދު ދިވެހިންގެ ގިނަ ބަޔަކު ވެސް އެ ކަން ގަބޫލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާދަމުގެދަރި

    އަދި ކިރިޔާތޯ ތިކަން އެނގުނީ. ތިޔަ މަޖިލީހަށްވުރެ ހަޑިމުޑުދާރު ގޮތެއްފޮތެއް ނެތް ގިނަ މަޖިލީހެއް މިރާއްޖޭގެ ތާރީޚުގައި އަދި ތި ތަނަކަށް ނުވަދޭ. އެކަމަކު ތިޔަ ކަހަލަ މަޖިލީހެއްގެ މާނައަކީ މިރާއްޖޭގެ ރައްޔިތުން މިހާރު މިތިބީ ގަބަރާވެފައޭ.

    7
    2
  2. އަސްލު މީހާ

    މިސޮރަށް ކިހިނެއްބާ މިވަނީ

  3. އިނާ

    މިސޮރަށްތަ ގޮތެއްވަނީ !! ނޫނީ ކަލެއަށްތަ؟؟
    އަލީ ހުސެއިން ތީ ހަމަ ހީރޯ އެއް.. އެއީ އަބަދުވެސް ހައްގު ބަސް ބުނަން ކެރޭ ފިސާރި އުސްތާޒެއް.

  4. ލާމު

    އޭނަޔައްވެސް ހެޔޮވިސްނެނީކަންނޭންގެ

  5. ލާހި

    ސިޔާސީ ހަރުގެ ހިންގާ ބީދައިން ހިގާތަނެއް ނުންތޯ !