ރާއްޖޭގައި ދޭ އިންޓަނެޓްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހޮޓްލައިނެއް ގާއިމު ކޮށްފިއެވެ.

އެންވާރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ، ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ ޖުމުލަކޮށް އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅުވުން ކަމަށާއި އެހެންކަމުން އިންޓަނެޓް ހިދުމަތާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 1515 އަށް ގުޅައި، އެކަން ސަރުކާރާއި ހިއްސާ ކުރަން އެދޭ ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދެވެ. އެައުދު ފުއްދުމުގެ ގޮތުން ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބްރޮޑްބޭންޑް އިންޓަނެޓްގެ ހިދުމަތައް ބަދަލުގެނެސް، ވަނީ އަގުހެޔޮ ކޮށްފައެވެ. ނަމަވެސް މޯބައިލް އިންޓަނެޓްގެ އަގު ހެޔޮ ވާނީ އަންނަ އޮކްޓޯބަރ މަހުން ފެށިގެންނެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރަން ސާވިސް ޕްރޮވައިޑަރުންނާއިއެކު ސަރުކާރުން ވެފައިވާ އެއްއެއްބަސްވުމަކީ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ސާވިސް ޕްރޮވައިޑަރެއް ނުގެނައުމެވެ. ނަމަވެސް މިސަރުކާރު ފެށުނު ފަހުން އިތުރު ސާވިސް ޕްރޮވައިޑަރެއް ރާއްޖެ ގެންނަ ވާހަކަ އޮތީ ވަރަށް ބޮޑަށް ދެކެވިފައެވެ.

ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮކޮށްފައި ވަނީ އިންޓަނެޓް އަގުހެޔޮ ކުރަން ވެފައި އޮތް ވައުދު ފުއްދުން ލަސްވާކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    އޯއް. އޭރުން ޝައުނާ ފޯނުނަގާފަ މައްސަލަ ހައްލުކޮއްދޭނަން ދޯ. ވަރައް މޮޅު އިނގޭކަލޭމެން

    2
    1
  2. ބުނެލީ

    އަދި އުއްމީދުކުރިވަރާ ގާތްވެސް ނުވޭ