ރާއްޖެ އަށް މިހާރު އަންނަ މީހުން ރާއްޖެ އައުމުގެ ކުރިން އޮންލައިންކޮށް ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ޖެހޭ ގޮތައް ހަމަޖައްސާފައި އޮތް ނަމަވެސް މިއަދު ރާއްޖެ އަންނަ މީހުން އޮންލައިންކޮށް އެފޯމް ފުރަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭ ގޮތް ހެދީ އިމިގްރޭޝަންގެ އޮންލައިން ސިސްޓަމަށް މައްސަލައެއް ދިމާވެ، އޮންލައިންކޮށް އެހިދުމަތް ހޯދަން ދަތިތަކެއް ކުރިމަތިވެފައި ވުމުން ކަމަށެވެ. އިމިގްރޭޝަނަށް އޮންލައިންކޮށް ހެލްތު ޑިކްލަރޭޝަން ފޯމް ހުށަހަޅަން ބޭނުން ކުރާ އިމުގާ ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ކުރެވޭނީ މާދަމާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހުނު ނަމަވެސް މިއަދު ރާއްޖެ އަންނަ މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށް 96 ގަޑިއިރު ހަމަނުވާ ޓެސްޓެއްގެ ނައްސި ނަތީޖާ ގެންނަން ޖެހޭނެއެވެ. ކޮވިޑް ޓެސްޓްގެ ނަތީޖާ ޗެކް ކުރާނީ އެއާޕޯޓުން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖެއަށް ދަތުރުކުރާ މީހުންނާއި، ފުރާ މީހުންގެ ސިއްޙީ އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަށް އޮންލައިންކޮށް ހެލްތް ޑިކްލަރޭޝަން ފޯމް ފުރޭނެ އިންތިޒާމް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއިރުއެވެ. ދިވެހިންނާއި ބިދޭސީންވެސް ރާއްޖެ އެތެރެވުމުގެ ކުރިން އަދި ފުރުމުގެ ކުރިން ދަތުރުފަށާ ވަގުތުގެ ކުރިއަށް ހިމެނޭ 12 ގަޑިއިރު ތެރޭގައި މި ފޯމް ފުރުން ލާޒިމްވާނެއެވެ.

މި ފޯމް އޮންލައިންކޮށް ފުރުމުގެ އިންތިޒާމް ހަމަޖެއްސިއިރު ދިވެހި ބަހާއި އިންގިރޭސި ބަހުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރްތްކުރާ ޤައުމުތަކުގެ ބަހުރުވަތަކުން ފޯމު ފުރުން އިޚްތިޔާރު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    މިއަދު ވަކިހާެްސަބަޔަކު އަންނަނީތޯ ބެކަޕެއްނެތި ތިހާދޯހަޅިކޮއް ކަންކަންކުރާތީ މިބަލިމަޑުކަމުން އަރައިނުގަނެވިގެން މިއުނީވެސް

  2. ދޮންކާނަ

    ޢެއް އަހަރުން ސިސްޓަމް ހަލާކު ނޫނީ ބަލިމަޑު ކަން އޮތް ގައުމަކުން މީހުން އެތެރެ ކުރުމުގެ ވިސްނުމެއް