ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަންކަން ހުއްޓުވަށް ޓަކައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ފަށާފައިވާ ހަރަކާތުގައި ބައިވެރިވާން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅު ކޯލިޝަން ދައުވަތު ދީފިއެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ޕީޕީއެމް ޕީއެންސީން ފެށި ހަރަކާތުގެ ފުރަތަމަ ޖަލްސާގައި ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ މި މަސައްކަތަކީ ހަމައެކަނި އިދިކޮޅު ކޯލިޝަންގެ މަސައްކަތެއް ނޫން ކަމަށާއި ހުރިހާ ދިވެހިން ވެސް މީގައި ބައިވެރިވާން ވާނެ ކަމަށެވެ.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ދިވެހި ލީޑަރުން ވެސް އެ ހަރަކާތުގައި ބައިވެރިވާން ދައުވަތު ދެއްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނެއެވެ. މިއީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ވާދަވެރި ސިޔާސީ ލީޑަރުންނެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް ޕީއެންސީގެ ހަަރަކާތުގައި ބައިވެރިވާން އެ ލީޑަރުންނަށް ދައުވަތު ދެއްވަން ނިންމެވީ ޔާމީންގެ ވެސް އިޒުނަފުޅާއެކުގައެވެ. "އަޅުގަނޑު މިރޭ ޕީޕީއެމް ޕީއެންސީގެ ފަރާތުން، ރައީސް ޔާމީންގެ އިޒުނަފުޅާ އެކީގައި، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ ހުރިހާ ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވަން،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާއި، އެމްއެންޕީގެ ފައުންޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި، ކުރީގެ ހޯމް މިނސްޓަރު އުމަރު ނަސީރު ވެސް އިދިކޮޅު ކޯލިޝަންގެ ހަރަކާތުގައި ބައިވެރިވާން އަދުރޭ ދައުވަތު ދެއްވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން އެކްޓިން ލީޑަރު އަދުރޭ ދައުވަތު ދެއްވިއިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ. މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހުމަދު

  ނަޝީދާއި ގުޅިގެން ލާދީނީ ބިލު ފާސް ކުރަން އުޅެންހަދައިފިނަމަ ނާކާމިޔާބީ ނޫން ގޮތެއް ނޯންނާނެ

 2. އަލިބެ

  މީގެ 2ދުވަސް ކުރިން އަބްދުލްރަހީމް ވިދާޅުވި ރައީސް ނަޝީދު އާއި އެކީގަކުރާނެ ސިޔާސީ އެއްވެސް މަސަތްކަތެއް ނޯއްނާނެވާހަކަ މިހާރު ކުއްލިއަކަށް ކިހިނެއްވީބާ

  1
  2
 3. ސޯޕް ލައިޓް ބްރަދަރ

  ތިގެތެރޭގައި ސިފައިންނާއި ފުލުހުންވެސް ބައިވެރިކުރަން ފެނޭ!!!

 4. ރައްޔިތު މީހާ

  ދެފުއްކެހެރި ވެރިކަމާހެދި މޮޔަވީތަ؟