ގިނަ އަދަދެއްގެ ތެލާއިއެކު ބާޖެއް ށ.އަތޮޅު ނޫމަރާ ނެރުމައްޗަށް އުރިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ފަސް މީހުންނާއިއެކު ދަތުރު ކުރަމުން ދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޑްގާޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 06:59 ގައެވެ.

އެ ބާޖްގައި އެއް ލައްކަ ލީޓަރުގެ ޑީސަލާއި 15،000 ލީޓަރުގެ ޕެޓްރޯލް އެބަހުއްޓެވެ. ބާޖުގައި ހުރި ތެޔޮ އަދި މިހާތަނަށް މޫދަށް ލީކުވަމުންނެއް ނުދެއެވެ.

ތެޔޮ ބަރުކޮށްގެން ދަތުރު ކުރާ އުޅަނދުތަކަށް ފަހަކަށް އައިސް ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު 60000 ލީޓަރު ތެލާއިއެކު އެނބޫދޫ ފިނޮޅު ކައިރިން ބޯޓެއް އަޑިއަށް ގޮސްފައި ވެއެވެ. އޭގެ ކުރިން 2019 ވަނަ އަހަރު އެފްއެސްއެމްގެ ތެޔޮ ބޯޓެއް ތެލާއިއެކު ކާށިދޫ ނެރުމައްޗަށް އުރުނެވެ.