ކޮވިޑް-19 ގެ ކުރިން ދިރިއުޅުނު ހާލަތަށް ދިޔުމަށް ހުރިހާ އެންމެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާރު އަޅުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިން އޮތް ހާލަތަށް ދިޔުމަށާއި ވިޔަފާރިތައް ކުރިއަށް ގެންދިޔުމުގެ އިތުރުން އާއިލާގެ މެމްބަރުންނާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ކަމަށެވެ.

އާއިލާ އަދި މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ހުރިހާ އެންމެންވެސް ވެކްސިންގެ ޖަހަން ރައީސްގެ ޓްވީޓް ނިންމަވާލައްވަމުން ބާރު އެޅުއްވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑް-19 ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހި ވެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ ދިވެހިންގެ ނަސީބު ކަމަށެވެ. އެހެންވެ މި ފުރުސަތުގެ ބޭނުން ހިފައި އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި، މިހާރު ޖަހަމުން ދަނީ ކޮވީޝީލްޑް ވެކްސިނާއި ސިނަފޯމް ވެކްސިންގެ އިތުރުން އެސްޓްރާޒެނެކާގެ ވެކްސިނެވެ. ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 321،594 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.

މާލޭގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުން ކުރިއަށްދެއެވެ. އަތޮޅު ތެރޭގައި ވެކްސިން ޖަހަމުން ދަނީ 176 ސެންޓަރެއްގައެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންމެންޓް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެެވެ.

ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ އެންމެންނަށް ވެކްސިން ޖަހައި ދެނީ ހިލޭއެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ކެމްޕޭނު ފަށާފައި މިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ވެކްސިން ކެމްޕޭނު އިތުރަށް ފުޅާކޮށް ސަރުކާރުގެ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް އަންނަ މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

މިހާރު ޖަހަމުންދާ ވެކްސިންތަކަކީ ސަރުކާރުން ގަނެފައިވާ ވެކްސިންތަކާއި ބޭރުގެ ބައެއް ގައުމުތަކުން ހަދިޔާކުރި ވެކްސިނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޅި

    ދުނިޔޭގެ ސިއްހަތު ޖަމުއްޔާ ޑަބުލިއުއެޗްއޯ އަށް އެގިލައްވާނެ ފަދައިން މިދިޔަ 50 ހަކަށް އަހަރު ތެރޭގައި ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތި މިކަން ކޮންޓުރޯލް ކޮށް ހުއްޓުވަން ޤައުމުތަކަށް ބާރު ނޭޅުނީ ކީއްވެތޯ ކޮވިޑް 19 ކިޔާއެއްޗެއް ކޮންޓުރޯލް ކުރަން ބާރުއެޅިފަދައިން އަދި ޤައުމުތަކުގެ ބޯޑަރުތަކުގައި ހަޔަސެކިއުރިޓީ ދާނުޖެހުނީ ކީއްވެތޯ ޑުރަގް ޑީލަރުން އަތުލާން ؟