ގިނަ ދިވެހިންނަކީ ރީތިވުމަށް ހާއްސަ ސަމާލު ކަމެއް ދޭ މީހުންނެވެ. ހާއްސަކޮށް އަންހެނުން ރީތިވުމަށް ތަފާތު ޒާތް ޒާތުގެ އެއްޗެހި ބޭނުން ކުރެއެވެ. ފައުންޑޭޝަނާއި ލިޕްސްޓިކް ފަދަ ތަފާތު އެއްޗެހި ބޭނުން ކުރުމަށް ދިވެހި އަންހެނުން ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

ދީނީ އެކި ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ވައިބާގައި މިހާރު އެންމެ މަޝްހޫރު އެއް ގްރޫޕަކީ "އިސްލާމިކް ނޮލެޖް" އެވެ. މި ގްރޫޕްގައި އާންމުން ކުރާ ސުވާލުތަކަށް އެންމެ ގިނަ އިން ޖަވާބު ދެއްވާ ދީނީ އިލްމުވެރިޔަކީ ޑރ. މުހައްމަދު އިޔާޒެވެ.

މިފަހަރު އާންމުންގެ މީހަކު ކުރި ސުވާލެއްގައި ވަނީ ފެންވަރައިގެން ވުޟޫކޮށްގެން އައިސް މޫނުގައި ފައުންޑޭޝަން އުނގުޅައި އަދި ފުށް ޖެހުމަށް ފަހު ނަމާދު ކުރެވިދާނެތޯއެވެ. ޖަވާބުގައި އިޔާޒް ވިދާޅުވީ ވުޟޫކޮށްގެން އައިސް މޫނުގައި ފައުންޑޭޝަން އުނގުޅައި އަދި ފުށް ޖެހުމަށް ފަހު ނަމާދު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އިޔާޒް ދެއްވާފައެއް ނުވެއެވެ.

އެހެން މީހަކު ކުރި ސުވާލެއްގައި ބުނެފައި ވަނީ އޭނާ ޔުނިފޯމް އަޅައިގެން ވަޒީފާގައި އުޅޭ އިރު އޮފީސް ކާޑުގައި ފޮޓޯ ޖަހާފައި ހުންނަ ކަމަށެވެ. އެހެންވެ ނަމާދު ކުރަނީ ބޮޑު ދޮޅިއެއް އަޅައިގެން ކަމަށްވާތީ އެގޮތަށް ރަނގަޅުވާނެތޯ އެމީހާ ސުވާލު ކުރިއެވެ. ނޫނީ ކާޑު ނަގަން ޖެހޭނެތޯ އެމީހާ ސުވާލުކޮށްފައިވެއެވެ.

ޖަވާބުގައި އިޔާޒް ވިދާޅުވީ ބޮޑަށް ރަނގަޅު ގޮތަކީ ނަމާދު ކުރުމުގެ ކުރިން ކާޑު ނަގާފައި އެއްފަރާތް ކޮށްލާފައި ބޭއްވުން ކަމަށެވެ.

އިތުރު މީހަކު ކުރި ސުވާލެއްގައި ބުނެފައި ވަނީ ޑިއުޓީ ގަޑީގައި އުޅޭ އިރު ވުޟޫ ކުރަން ވެގެން ކޮންމެ ފަހަރަކު ބޫޓު ބާލަން އުނދަގޫވާ ކަމަށެވެ. އެހެންވެ އެކަމުގައި ކަންތައް ކުރާނީ ކިހިނެއްތޯ އެމީހާ ސުވާލު ކުރިއެވެ.

"ޑިއުޓީއަށް ދަނީ ފެންވަރައިގެން ވުޟޫކޮށްގެން. ނަމަވެސް ފާހާނާ އަށް ދަން ކުޑަކަމުދާން" އެމީހާ ބުންޏެވެ.

ޖަވާބުގައި އިޔާޒް ވިދާޅުވީ ބޭލުމަށާއި އަރަން އުނދަގޫ ބޫޓަކަށް އަރައިގެން ތިބޭ ނަމަ، އޭގެ މަތިން ފެން ހިއްކާލެވިދާނެ ކަމަށެވެ.

"ބާލާށާއި އަރަން އުނދަގޫ ބޫޓު، މިސާލަކަށް ސިފައިން އަރައިގެން ތިބޭ ބޫޓު ފަދަ ބޫޓެއް ނަމަ އޭގެ މަތިން ފެން ހިއްކާލެވިދާނެ. ނަމަވެސް ލާށާއި ބޭލުމަށް އުނދަގޫ ނޫން ނަމަ ޖެހޭނީ ބާލަން،" އިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ޕަބްލިކް ވައިބަ ގުރޫޕުތަކުގެ ތެރެއިން އިޔާޒް ހިންގަވާ އިސްލާމިކް ނޮލެޖް އެމްވީ އެކަނި ފޮލޯ ކުރާ މީހުންގެ އަދަދު 10000 އަށް ވުރެ ގިނައެވެ. އިޔާޒަށް ސުވާލު ފޮނުވުމަށް 100 އަށް ވުރެ ގިނަ ގްރޫޕް ހިމެނެއެވެ.