ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ނައުފަލް، މި މަހުގެ 20 ވަނަ ދުވަހު މާލެ އައީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާށެވެ. އާއިލާ މީހުންނަށް ނައުފަލް މައުލޫމާތު ދީފައިވާ ގޮތުން އޭނާ އައިސް ހުރީ ހުޅުމާލޭގައި ހުންނަ ރައްޓެއްސެއްގެ ގޭގައެވެ. އުމުރުން 26 އަހަރުގެ ނައުފަލްގެ އާއިލާގެ މީހުންނަށް އެ މީހަކާ ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގެއެވެ.

ހަމައެކަނި އެނގެނީ އެއީ ހާޝިމް ނަމަކަށް ކިޔާ މީހެއް ކަމެވެ. ދިރިއުޅޭ ތަނެއްވެސް ނޭނގެއެވެ. އެކަމަކު އެއީ ޑެލިވަރީ ކުރާ މީހެއް ކަމަށް ނައުފަލް އާއިލާއަށް ކިޔައިދީފައިވާ ކަމަށް ހުޅުމާލޭގައި އުޅޭ ނައުފަލްގެ ބައްޕަ ފަރާތު ދައްތައަކު "ވަގުތު" އަށް ކިޔައިދިނެވެ.

"ހާޝިމް ކިޔާ މީހެއް ކައިރީގައި ހުންނަ ވާހަކަ ބުނީ. އެމީހާއާ ބެހޭ މައުލޫމާތެއް ނުދޭ" އެމީހާ ކިޔައި ދިނެވެ.

އެންމެ ފަހުން ނައުފަލްއާ ގުޅިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާގެ މަންމައަށް ގުޅައިގެން ވާހަކަ ދެއްކެވުނު ކަމަށް އެ މީހާ ކިޔައިދިނެވެ. އެއަށް ފަހު ނައުފަލްގެ ފޯނަށް ގުޅުމުން ބުނަނީ ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ.

މުޅި ހުޅާމާލެ އެއްކޮށް ބެލިއްޖެ، ހަބަރެއް ނެތް

" މުޅި ހުޅުމާލެ އެއްކޮށް އަތްފުނާ އަޅައިފިން، ފޮޓޯ ހިފައިގެން އެކި ތަންތަނަށް ދުވެފިން، ހަބަރެއް ނުވޭ" މިއީ މި ދެތިން ދުވަހު ނައުފަލްގެ އާއިލާއިން ކުރި މަސައްކަތެވެ.

މި މަހުގެ 26 ވަނަ ދުވަހު ނައުފަލްގެ ހަބަރެއް ނުވުމުން ފުލުހުންނަށް އެކަން އަންގައި އާއިލާއިން މަސައްކަތްކުރީ އޭނާ ހޯދާށެވެ. ގާތް ރައްޓެހިންނާއި ހުޅުމާލޭގެ ފިހާރަތަކާއި އެކި ދިމަ ދިމާލުން ބެލި ބެލުމުގައިވެސް ނައުފަލްއާ ބެހޭ މައުލޫމާތު އެނގޭ މީހަކު ނެތެވެ.

"އެ ދުވަސް ފަހުން އޭނާ ފެނުނު މީހަކާވެސް ދިމަލެއް ނުވެ" އޭނާ ކިޔަދިނެވެ.

އެކަމަކު އާއިލާއަށް ޔަގިންވާ އެއްކަމެއް އެބައޮތެވެ. ނައުފަލް ހެޔޮ ހާލުގައި ހުރިނަމަ ނޫސްތަކުގައި އޭނާ ފޮޓޯ ޖެހުމުން އޭނާ ކޮންމެވެސް ގޮތަކަށް އާއިލާއަަށް ގުޅާނެއެވެ.

މާޔޫސްކަމުގެ ރާގަކަށް ވާހަކަ ދެއްކި މީހާ ސިފަކޮށްދިން ގޮތުގައި ނައުފަލް އަކީ މަޑުމައިތިރި ބަސް މަދު ޒުވާނެކެވެ.

"ވަރަށް މަޑުން ހުންނާނީ. މާ ގިނަ ރައްޓެހިންނެއްވެސް ނުތިބޭނެ" އާއިލާގެ ކަންނެލި ދޯންޏެއްގައި މަސައްކަތްކުރާ ނައުފަލްގެ ވާހަކަތައް އެމީހާ ކިޔައިދިނެވެ.

ނައުފަލްގެ ހަބަަރެއް ނުވާތީވެ އާއިލާގެ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

"އޭނާ އަށް ވީގޮތް ހަމަ އެއްވެސް މީހަކަށް ނޭނގެ. ފުލުހުންވެސް ވަރަށް މަސައްކަތް އެބަކުރޭ" އެމީހާ ބުންޏެވެ.

"ބަޔަކު ނައުފަލް ފޮރުވީ، އެހީވެދީ"

އާއިލާއަށް މިހާރު ގަބޫލުކުރަނީ ބަޔަކު ނައުފަލް ފޮރުވި ކަމަށެވެ. އެ ނޫން ގޮތަކަށް ނައުފަލް ގެއްލިދާނެ ކަމަށް އާއިލާއަށް ގަބޫލެއް ނުކުރެވެއެވެ. އިމިގްރޭޝަން މެދުވެރިކޮށް އޭނާ ރާއްޖެއިން ބޭރަށް ދިޔަތޯ އާއި އާއިލާއިން ބެލިއިރުވެސް ރާއްޖެއިން ބޭރަށް ދިޔަ ކަމެއް އެނގިފައެއް ނުވެއެވެ. އެއްވެސް ރަށަކަށް ދޭވެނީ އެޗްޕީއޭގެ ހުއްދައާއެކު ކަމަށްވާތީވެ ބެލި ބެލުމުން އޭނާ އެއްވެސް ރަށަކަށް ގޮސްފައިވާ ކަމެއް އާއިލާއަށްވެސް އެނގިފައެއް ނުވެއެވެ.

އާއިލާއިން އެދެނީ ނައުފަލްއާ ބެހޭ މައުލޫމާތު އެނގޭ ނަމަ ވިހާވެސް އަވަހަކަށް ހިއްސާކޮށް ދިނުމަށެވެ.

ނައުފަލްއާ ބެހޭ މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއި ހިއްސާ ކޮށްދިނުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫސަ 55

    ޑޮކްޓަރައް ދެއްކިތޯ ނުބަލަމންތޯ ތިބުނާދުވަހު

    10
    • ތުނިޔަ

      ކުރީގެ ލިޔުމެއްގައިން 27 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުން ކަށީގެ ޑރ އަށް ދެއްކި ވާހަކައެއް.

  2. ާއަލީ ބުނީ

    އާންމުންގެ މީހެއް ވިއްޔާ ކެމެރާ އެއްވެސް ނީންނާނެ އަރާނެ. ތިނުހޯދޭނެ. މިވެރިކަން ނިމެންކާރިވީމަ ވޯޓްލާން ވީމަ އިދިކޮޅު ކެނޑިޑޭޓް ގެވައުދު ލިސްޓައް ނަންއަރާނެ ދެން އުފައްދާނީ ކޮމިސަނެއް ޢޭރައް އެއިންސާފު ލިބުނީ. މިވަރުން ފުއްދާލަން ޖެހޭނީ. ނިމުނީ.

    23
    1
  3. ޢާދު

    ރައީސް ނަސީދު މީހެއް ގެއްލިގެން އުޅޭނަމަ ވަގުތުން ހޯދާނެ!

    8
    2
  4. Anonymous

    ހާދަ ދެރައޭ އަނެއްކާ ނެޓްވޯކަކުން ގެންދިޔަ އީބާ
    ޔާﷲ ވީހާވެސް އަވަހަކަށް ސަލާމަތް ކަމާއި އެކު އެދަރިފުޅު ޢާއިލާއަށް ރައްދުކުރައްވާންދޭވެ. އާމީން

  5. އިބްރާ

    އިބޫ ސާލިހު ޒިންމާ ނަގަގަންނުޖެހޭނެތޯ؟

  6. 13އަހަރު

    އެއްކަލަ މަރާލެވުނު 13 އަހަރުގެ ކުއްޖާގެ މައްސަލައަށްވީ ގޮތެއްވެސް ނޭނގުނު. ނަޝީދުގެ މައްސަލައިގެ ތަހުގީގުން އެނގޭ އެއް ކަމަކީ ފުލުހުންނަށް ކެމެރާތަކުން ބަލައިގެން ހުރިހާ ކަމެއްހެން ހޯދޭނެ ކަން. މައްސަލައެއް ކުރިއަށް ނުދާނަމަ އެ ނުދަނީ ގަސްތުގައި ކުރިއަށް ނުގެންދާތީ.

  7. އިނާ

    ވވ ދެރަ. ﷲ އިރާދަފު ޅުން ވ އަވަހަށް ފެންނާނެ. އުއްމީދު ކަނޑާ ނުލާށެވެ. އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން.

    4
    1