ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާގެ ތުހުމަތާއެކު އެ މުވައްޒަފުން އެ މައްސަލަ ޚިއްސާ ކުރެއްވީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކޮށްފައިވާއިރު، އެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް ވެސް އުފުލިއެވެ. ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް ކްރިމިނަލް ކޯޓުން ދިން ހުއްދައާއެކު އަލީ ވަހީދު ބޭރަށް ފުރާވަޑައިގަތެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދަށް އެ ހުއްދަ ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އެހެން ނަަމަވެސް އަލީ ވަހީދު އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އޭނާ ވަކިކުރުމާ ގުޅޭ ގޮތުން އެ ޕާޓީން އަދިވެސް ވަކި ގޮތެއް ނުނިންމައެވެ.

"ވަގުތު ހަވާސް" ޕްރޮގްރާމްއާ މި ކަމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އެފަދަ ތުހުމަތެއް ކުރެވުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް މަގާމުން އިސްތިއުފާ ދީ، ސިޔާސީ ކަންކަމުން ދުރަށް ޖެހިލުން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އިސްތިއުފާ ދެއްވުން." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ޕާޓީގެ އެ ވަރުގެ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ މައްޗަށް ތުހުމަތު ކުރެމުން، އަދި މިހާރު ރާއްޖޭން ބޭރަށް ވަޑައިގެން ހުންނަވާ ގޮތަކަށް ދިރިއުޅުއްވާތީ އެއާ މެދު ޕާޓީގެ ތެރެއިން ގޮތެއް ނިމެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްއިން ދެން އެ ކަމާ މެދު ގޮތެއް ނިންމާނީ. އަޅުގަނޑަކީ ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅެއް ނޫން." އަލީ ހުސައިން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމާއި ލީޑާޝިޕްގެ މަގާމާ މެދު އެއްވެސް ޝައުގުވެރިކަމެއް ހުންނެވިތޯ ސުވާލު ކުރުމުން އަލީ ހުސައިން ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް ވަޑައިގަތުމާ މެދު އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔަހްޔާ

    ބަލަ ތިޔަ ދޮގު ދައުވާތަކެއް އުފުލިފަހުން އައްޔަ އެއްވެސް ސިޔާސީ ކަމެއްގަ އުޅޭނަމަތާ ސިޔާސީކަމަކުން ދުރުވާންޖެހޭނީ. އެހެން ސިޔާސީ މީހުންނާ ހިލާފަށް ތެޅިފޮޅި ޓުވީޓްތަކެއްވެސް އައްޔަ ނުކުރޭ.

  2. މަރީ

    އަދިވެސް އަލީ ވަހީދު ނުގެނެވޭދޯ؟

  3. ދިރިކާދިރި

    ތިދެންކާކު؟ ދެބޯގެރިދުއްވަނީ އަލީ މިހާރުވެސް ހިންހަމަޖެހޭވަރުކޮއްލާ؟/އޭރުންހައްޕް މުކައްބަ؟/