ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަޝިޕް ކޮވިޑް-19 ވެކްސިން ހޯދުމުގައި ދައްކައިދީފި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިޔާސީ ޕާޓީކަމަށްވާ އެމްޓީޑީ އިން ބުނެފިއެވެ.

އެމްޓީޑީ އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނޭޝަން ކަމަށާއި ގިނަ ގައުމުތަކުގެ މިއަދުގެވެސް ހާލަތަކީ އެގައުމުގެ ރައްޔިތުންނަށް ދޭނެ ވެކްސިންވެސް ނުލިބި އެތައް ބަޔަކު ކޮވިޑް-19 ގެ ބަލީގެ ޝިކާރައަކަށްވެ ނިޔާވުން ކަމަށެވެ.

ނަމަވެސް ދިވެހި ރާއްޖެއިން މިވަނީ މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި ރައީސް ސޯލިހްގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާވަރަށް މިވަނީ ވެކްސިން ހޯދިފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. "މިކަން މިޕާޓީ އިން އުފަލާއި ޝުކުރުވެރިކަމާއި އެކީ ފާހަގަ ކުރަމެވެ. އަދި ރައީސް ސޯލިހު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް ވެކްސިން އެމީހުނަށްވެސް ހިލޭ ޖަހައިދީ، މިހާރު ރާއްޖޭގެ %61 އާބާދީ ދެޑޯޒް ޖަހާ ވެކްސިނޭޝަން ފުރިހަމަކޮށްފިއެވެ. އަދި %70 މީހުން ފުރަތަމަ ޑޯޒް ޖަހައިފިއެވެ. މިއީ ދުނިޔާގެ ފެންވަރުން ބެލިނަމަވެސް ވަރަށް ބޮޑުކުރިއެރުމެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޓީޑީ އިން ބުނީ މި އާލަމީ ވަބާގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި، އެޗް.ޕީއޭ، މޯލްޑިވްސް ރެޑް ކްރެސެންޓް، ޑަބްލިއު.އެޗް.އޯ މޯލްޑިވްސް އަދި ކުރީ ސަފުގައި މަސައްކަތް ކުރާ ހުރިހާ ހިދުމަތްތެރިން ކުރައްވަމުންދާ ބުރަ މަސައްކަތް ގަބޫލްކޮށް ޝުކުރުވެރިކަމާއި އެކީ ސެލިއުޓްކުރާކަމަށެވެ.

ނަމަވެސް އެމްޓީޑީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދިވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ވެކްސިން ނުޖަހާފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަވުން ކަމަށް އެޕާޓީން ބުންޏެވެ.

"އެމްޓީޑީގެ އެދުމަކީ ރައީސް ސޯލިހު ގޮވާލާފައިވާ ގޮވާލުމާއި އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަން މިކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިންޖަހަން ދިޔުމަށެވެ. މިކަމަށް ވުރެ ބޮޑު ގައުމީކަމެއް މިއަދަކުނެތެވެ. އެހެނީ ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމައް ދަނީ އެތައް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިއަދު އެންމެ މުހިއްމީ މިކަން ގައުމީ ކަމެއްގޮތުގައި ދެކި މިވަގުތައް ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ ދެ ޑޯޒް ޖަހާ ނިންމުމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލިސް އިންތިހާބާއި ދިމާކޮށް އުފެއްދި އެމްޓީޑީގެ ހަރަކާތްތައް ފަހަކަށް އައިސް ކުރިއަށްދާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަޒު

    ވެރިކަން ލިބޭނެކަމަށް ތިކުރާ މަސައްކަތަކީ ހުވަފެނެއް

    14
  2. މުފައްކިރު.

    ރައީސް ސާލިޙުގެ ލީޑަރޝިޕްގެ ވަރުގަދަކަން ފެނުނީ ހެލްތް[މިނިސްޓްރީގެ ތެރޭގަ ހިންގި ވެންޓިލޭޓަރ ކޮރަޕްޝަން ހިނދިގެންދާތީ.

    14
  3. އަހުމަދު

    "ރައީސް ސޯލިހުގެ ލީޑަޝިޕް ވެކްސިން ހޯދުމުގައި ދައްކައިދީފި: އެމްޓީޑީ" ވެކްސިން ހޯދުމުގައި ކޯއްޗެއް ދައްކައިދިނީ؟

    12
  4. އަލީ

    ވެކްސިން ހޯދުމުގައި ކޯއްޗެއް ދައްކައިދިނީ؟ ނޫސްވެރިން މިއަށްވުރެ ރަނގަޅުވާން ޖެހޭ.

    11
    • ަައއހ

      ލީޑަޝިޕް

  5. ނާދިރާ

    ބޮޑުވަގު ޕާޓީ