ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުލިއާގޭ ކައިރިއަށް ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެމީހުން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އެ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ފަހުން ދޫކޮށްލައިފައެވެ.

ހައްޔަރުކޮށްފައި ވަނީ ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހާއެވެ. އެމީހާގެ ބަންދުގެ މުއްދަތު މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު އަނެއްކާވެސް އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މެއި ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނިކޮށެވެ.

މުލިއާގޭ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފް އިންނެވެ. އެ ތަނުގެ ބޭރުގައި އާއި އެތެރޭގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދެއެވެ.

ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިން ފަހުން، މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީޑިއާގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވާއިރު ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ. އަދި ދާދި ފަހުން އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ނިރުބަވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ މީސް މީޑއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުރު

    މިފަދަ ކަންތަކާއި ގުޅި އަދި އިންޒާރުދީ ޙަރަކާތްތެރިވާ މީހުންގެ މައްސަލަތަކުގައި ސަލާމަތީ ބާރުތަކާއި ފުލުހުން ކުރައްވަނީ ވަރަށް ހަރުދަނާ މަސައްކަތްތަކެއް. އެހެންނަމަވެސް އަނެއްކާވެސް މިމީހުން ދޫކޮށްލެވެނީ ފުލުހުން ބޭނުންވާވަރަށް ތަޙްޤީޤުނުކުރެވި މުއްދަތުކުރުވެ އެކަމަށް އެކަށީގެންވާ މުއްދަތުދިނުމުގައި ޒިއްމާދާރުގޮތަކަށް ޢަމަލުނުކުރައްވާތީ. ދެންމިފެންނަނީ އަނެއްކާވެސް މިބޭކަލުން މަގުމަތީން. މިނުރައްކަލުގެ ވާހަކަދެކެވޭއިރުގަ މިކަމަށް ޙަރަދުކުރާ މައިއިދާރާއެއްވާކަން އެބައެގޭ. ކޮންޓްރަކުޓް ކުރާމަސައްކަތެއްކަން އެގޭ! އަދި މިފަދަމީހުން ޓްރައިންކުރާކަން ފާހަގަކުރެވޭ. ޓްރެއިންނުކުރާނަމަ ހަމަހުރެފާ މީހަކު މަރާލަން ނުނިކުންނާނެ.