ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކައުންސިލްގައި އިންތިޚާބީ 87 ދާއިރާގެ ރައީސުން ތިބޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި ސިޔާސީ ޕާޓީއަކީ ނާޒިމް ހިމެނޭހެން މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެއްދެވުމަށް ބޭނުންވާ 3000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެމްއެންޕީ އުފެއްދެވުމަށް ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި ފޯމު ހުށަހެޅުއްވީ ނާޒިމްއާ އާއިލީ ގުޅުން އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ.
ނާޒިމްއާއި އުޝާމްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.
އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ އެއް މެންބަރު ކަމުގައިވާ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޕީގެ ސިޔާސަތުތައް ކަނޑައަޅާނީ އެ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި އެ ކައުންސިލްގައި އިންތީޚާބީ 87 ދާއިރާއިން އިންތިޚާބު ކުރާ ދާއިރާ ރައީސުން ތިބޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިޝާރާތް ކުރެއްވި އިންތީޚާބީ 87 ދާއިރާއަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮންނަ އިންތިޚާބީ 87 ދާއިރާއެވެ.
"މި ކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އެމްއެންޕީއަށް ގުޅިވަޑައިގަންނަވަން ދައުވަތު އަރުވަން،" ރިޔާޒް ލިޔުއްވާފައިވެއެވެ.
އެމް.އެން.ޕީ ގެ ސިޔާސަތުތައް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން. ކައުންސިލްގައި އިންތިޚާބީ 87 ދާއިރާއިން އިންތިޚާބުކުރާ ދާއިރާގެ ރައީސުން ތިބޭނެ. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން އެމް.އެން.ޕީ އާއި ގުޅިވަޑައިގަތުމަށް ދަޢުވަތު އަރުވަން. @MNP_Secretariat
— Abdulla Riyaz MP (@riyazabdulla) August 1, 2021
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީ ވާދަކުރާނެ ކަން ވަނީ އިއުލާންކޮށްފައެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީގެ މަސްއޫލުވެރިން ވިދާޅުވިއެވެ. އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޮންނެވި ކަމަށް މެންބަރު ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ ދުވަސްތަކެއް ކުރިން ވެސް ނާޒިމްއާއި ރިޔާޒް ހުންނަވައިގެން ޕާޓީއެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު އޭރު ނާޒިމްއާއި ރިޔާޒް ވެސް މި ކަން ދޮގު ކުރެއްވިއެވެ. މި ދެ ބޭފުޅުން ތިއްބެވީ ވިޔަފާވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީގައެވެ. ޖުމްހޫރީ ޕާޓީގައި ތިއްބަވައިގެން ޕާޓީއެއް އުފައްދަވަން އުޅުއްވުމުން އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ނުރުހުން ވެސް ފާޅު ކުރެއްވިއެވެ.
އިންޑިއާ ސަފީރަށް މާލޭ ދާއިރާ ދެއްތޯ ؟