ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޓިކެޓު އާންމު ގޮތެއްގައި އޮންނަނީ އެ ޕާޓީ އުފެއްދެވި ލީޑަރަކަށް ކަމަށާއި ވެރިކަން ބޭނުންވާ އެހެން ބޭފުޅުންނަށް އޮތް ހަމައެކަނި ގޮތަކީ އާ ޕާޓީއެއްގެ ލީޑަރަކަށް ވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ވެސް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ދެ މެންބަރަކު ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ އެ ޕާޓީ ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވައިފައެވެ. އާ ސިޔާސީ ޕާޓީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ނާޒިމް ވަނީ އިއުލާން ކުރައްވައިފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި 2023 ގެ ރިޔާސީ އިންތިޚާބުގައި ކާނަލް ނާޒިމް ވާދަކުރައްވާނެއެވެ.

ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަލީ ހުސައިން ވިދާޅުވީ، ސިޔާސީ ޕާޓީ އުފެދުއްނީއްސުރެން އެ ޕާޓީގެ ލީޑާޝިޕް ކޮންޓްރޯލް ކުރަނީ މަދު ބޭފުޅުންތަކެއް ކަމަށެވެ.

"ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަތި އޮންނަނީ ބެދިފައި،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ސިޔާސީ ހަޔާތް ފައްޓަވައި އަދިވެސް އެ ޕާޓީގައި ހުންނެވި އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ވެރިކަން ބޭނުންވާނަމަ އާ ބޭފުޅުންނަށް އޮތް އިޚްތިޔާރަކީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވުން ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ އިތުރު ގޮތެއް އޮތް ހެނެއް. އޭނާގެ ލީޑާޝިޕްގައި ސިޔާސީ ޕާޓީއެއް ހެދުން ނޫން ގޮތެއް ނެތް." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވަނީ ރާއްޖޭގެ މައި ތިން ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމްއާއި، ޖޭޕީގައި ވެސް އޮތީ އެއް ހާލަތު ކަމަށް ވިދާޅުވެފައެވެ. މި ގޮތުން ޕީޕީއެމްގައި އަދިވެސް ރިޔާސީ ޓިކެޓު ޚާއްސަ ވަނީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި ޖޭޕީގައި ވެސް ރިޔާސީ ޓިކެޓް ޚާއްސަ ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިން މޭޓަކަށް ވާން ޖޭޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރެއްވި އަލީ ހުސައިން ވިދާޅުވީ، އެ ފަހަރު އާ ދެ ބޭފުޅަކަށް ކެންޑިޑޭޓާއި ރަނިން މޭޓް ކަން ލިބުނީ ވެސް ގާސިމްއާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެއްވޭ ގޮތް ވުމުން ކަމަށެވެ.

"ރައީސް ސޯލިހްއަށް ޓިކެޓު ދިނީ ވެސް ރައީސް ނަޝީދަށް ކުރިމަތިލެވޭނަމަ އެމަނިކުފާނަށް އަނބުރާ ޓިކެޓް ދޭން ޖެހޭ ގޮތަށް." ރައީސް ސޯލިހަށް އެމްޑީޕީގެ ޓިކެޓު ދޭން އއ.އުކުޅަހުގައި ބޭއްވި ހަފުލާއަށް އިޝާރާތް ކުރައްވަމުން އަލީ ވިދާޅުވިއެވެ.

އަލީ ހުސައިންގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެންމެ ބޮޑު މަގާމަކަށް ވާދަކުރެއްވީ ވެސް އެ ފަހަރު އެކަންޏެވެ. އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓް ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ އެތެރޭގައި ބޭއްވި އިންތިޚާބުން އަލީ ނާކާމިޔާބުވެވަޑައިގަތީ އެންމެ ވޯޓަކުންނެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންގެ މެދުގައި ނެގި ވޯޓް ކާމިޔާބު ކުރެއްވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އެމެރިކާގަ ސިޔާސީޕާޓީތަކުގެ އަދަދެ މަށަކަށްނޭގޭ އެކަމަކު ފެށުނީއްސުރެ އަޑުއިވެނީ ދެޕާޓީ އެއީ ލިބަރަލްޕާޓީ ރިޕަބްލިކްޕާޓީ އިންޑިޔާއިން ކޮންގްރެސް ބޖޕ..މިއީ ދުނިޔޭގެ ޑިމޮކްރަސީގެ މަންމަ ބައްޕައޭބުނަނީ މިދެގައުމަކީ..ފައިސާވެރިންވެސް މަދެނުވާނެ އެކަމަކު މިރާއްޖޭގެ ސިޔާސީޕީއެޗްޑީން ބުނާ ތިންވަނަ ފިކުރެއަދިއެއް އެގައުމުތަކުން ނުފެނޭ..މިގައުމުގަވެސް ކިތައްމެވަރަކަށްވެސް ތިންވަނަ ހަތަރުވަނަ ފިކުރެއުފައްދަން އުޅެފި..އެކަމެނުވި..ދެންވެސް އިންޝާﷲނުވާނެ...ރު ހުނަސް ނުރު ހުނަސް ދެފިކުރުއޮތީ އެއީ ރނަޝީދު ރޔާމީން...މޑޕ..ޕޕމ..މިއީ މިގައުމުގެ ވިސްނުން..ދެން އުފައްދަންޖެ ހޭނީ އިންޑިޔާ ފިކުރު އެއަށް ނޫނެކޭ ރައްޔިތުންބުނަނީ..

  2. އަބްދޫ

    ޕާޓީ އެއް ހދައިގެން ޕާޓީގެ ރައީސޭ ކިއިދާނެ. އެކަމަކު މަޖިލީހުންވެސް ރައީސަކަންވެސް ނުލިބޭނެ. ސަބަބކީ އެޕާޓީގަ ތިބޭނި ކޮންމެ ރަށަކުން 10 މީހުން ކަމަށް ވާކަން.

  3. އަލްޖިބްރާ

    ޕާރޓީގެ ރައީސްކަން ލިބިގެން މިދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތީލިއަސް ނާޒިމް އަކަށް މިޤައުމުގެ ވެރިކަމެއް ނުލިބޭނެ ! ތަން ތަނުގައި ބަޣާވާތް ކުރާމީހުންނަކީ ބާޣީން ! އެގިގެން ތިބެ ބާޣީއަކަށް ވެރިކަން ހަވާލެއް ނުކުރާނެ !

    4
    1
  4. Anonymous

    ނާޒިމައް ރަޢީސް ކަން ލިބިއްޖެ ރައިީސް ނާޒިމު