ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަގާމުން ވަކިކުރި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްގެ ބަދަލުގައި އެ ވަޒީފާއަށް މީހަކު އައްޔަން ނުކުރުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލްއިން މިއަދު އަމުރެއް ނެރެފިއެވެ.

އަންހެނުން ހިތާނުކުރަން ހިތްވަރު ދޭ ގޮތަށް، ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެމްއެންޔޫގެ ވަޒީފާއިން އިޔާޒު ވަކި ކުރީ މި މަހު ކުރީކޮޅުއެވެ.

އެކަން ދިފާއުކޮށް އިޔާޒް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ހަގީގަތް ހާމަކޮށްދެއްވުމަށް ކަމަށެވެ. އަންހެނުން ހިތާނު ކުރުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ބަޔަކަށް ނުރަނގަޅު ތަސައްވުރެއް ލިބިފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީސްމިޑީއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން މީގެ ކުރިންވެސް އިޔާޒަން ވަނީ ނަސޭހަތް ދީފައެވެ. ވަޒީފާއިން ވަކިކުރި މައްސަލަ ޓްރިބިއުނަލް ހުށަހަޅައިގެން ކުރިއަށްދާއިރު އީދު ބަންދުގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އިޔާޒު ވަނީ އޭނާގެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން އަމުރު ނެރެދޭން އެދިފައެވެ.

އިޔާޒު "ވަގުތު" އަށް މިއަދު ވިދާޅުވީ، އެދިލެއްވި ގޮތަށް އެހެން މީހަކު އައްޔަން ނުކުރަން ޓްރިބިއުނަލުން އެމްއެންޔޫއަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެގޮތަށް އަމުރު ނެރެދޭން އެދުނީ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ޓްރިބިއުނަލުން ނިންމައިފި ހިނދެއްގައި ވަަޒީފާގެ ގާނުނޫ އޮންނަ ގޮތުން އެ މަގާމުގައި މީހަކު ހުރި ނަމަ އަނބުރާ އިޔާދަނުކުރެވިދާނެތީވެ ކަމަށް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވަޒީފާއިން ވަކިކުރަން ޔުނިވާސިޓީން ނިންމި ނިންމުން މުރާޖާ ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވައިފައެވެ.

އިމްރާނަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްއެވެ. އިޔާޒަކީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައުމު ފުރަތަމަ

    ޔުނިވަރުސިޓީގަ މިހާރުތިބީ ސިޔާސީ ހަ އްދުފަހަނަ އަޅާފަތިބި ވެރިން.

  2. ލެކުޗަރަރ

    އިސްސަފުގަތިބީ ވާނުވާގަހުރި ވީސީ، ހަސަދަ އިން ފުރިފަހުރި ސީ، އަދި އަމާބުނީތީ ފަރަށްދާ އުސޫލްގަ ތިބި ޑީވީސީން......ތަނުގެ ހަ އިބަތާ ކަރާމާތް ގެ އްލި އްޖެ.