ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 16 ވަނަ ދުވަހު ފަށާ ގޮތަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށް މަޖިލީހުގެ މެންބަރުންނަށް އެ ކަން މިހާރު އަންގާފައިވާ ކަމަށެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައްބާއްވަން ތާވަލުކޮށް މެންބަރުންނަށް އެންގިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުން ބޭރު ޖަލްސާއެއް ކުއްލިއަކަށް ބޭއްވުމުގެ ޚިޔާލު ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕްއަށް ފޮނުއްވި މެސެޖެއްގައި ނަޝީދު މިހެން ވިދާޅުވި ނަމަވެސް ކުއްލި ޖަލްސާ ބޭއްވުމުގެ މަސައްކަތް މާ ހަލުވި މިނެއްގައި ކުރިއަކަށް ނުދެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ގަރާރެއް ހުށަހެޅުއްވުންނެވެ. 87 މެންބަރުން ތިއްބަވާ މަޖިލީހުގައި އެއީ 29 މެންބަރުންގެ ސޮޔެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. އެކަމަކު އެކި މައްސަލަތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ބޮޑެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މިހާރު ދެ ފެކްޝަނެއް އޮވެއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ފެކްޝަނެކެވެ. މި ދެ ލީޑަރުން ތާއީދު ނުކުރައްވައި ވަކި ފަޅިއެއް ނުނަންގަވާ މަދު މެންބަރުންތަކެއް ވެސް ތިއްބަވައެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާއިރު، ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެއީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހަފުތާއެއްހާ ދުވަހު ނަޝީދު ފަރުވާ ހޯއްދެވިއިރު ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އަދި ދޮޅު މަހެއްހާ ދުވަސް ވަން ދެން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ.