މަދުވެގެން 500 އުޅަނދު ޕާކް ކުރެވޭ އިމާރާތެއް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެ މަސައްކަތް ފަށާފައިވާ ބިމަކީ ކުރީގެ ކައުންސިލުން ސިޓީ ކައުންސިލަށް ހޯދާފައިވާ ބިމެކެވެ.

މުއިއްޒު ވިދާޅުވީ، ހުޅުމާލެ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކާއި ހުޅުމާލެ ރައްޔިތުންގެ އުޅަނދުތައް ޕާކް ކުރުމަށް ޓަކައި މަދުވެގެން 500 އުޅަނދުގެ ޕާކިން އިމާރާތް އެޅުމަށް އެ ބިމުގައި ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ އިތުރު ތަފްސީލެއް މުއިއްޒު ޚިއްސާ ކުރައްވައިފައެއް ނުވެއެވެ.

ހުޅުމާލޭގައި އެ މަސައްކަތް ކުރަމުންދާ ބިމަށް މޭޔަރު މުއިއްޒު ވަނީ މިއަދުގެ ވަގުތެއްގައި ޒިޔާރަތް ކުރައްވައިފައެވެ. މުއިއްޒުގެ އަރިހުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވެސް ހުންނެވިއެވެ.

މީގެ ކުރިން ވެސް މޭޔަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މާލޭގެ ޕާކް ކުރާނެ ޖާގަ ނުލިބި، މަގުތައް ތޮއްޖެހޭ މައްސަލަ ހައްލު ކުރުމުގެ ޕާކިން އިމާރާތްތަކެއް މާލެ ސިޓީގެ އެކި ސަރަހައްދުގައި އަޅަން ނިންމާފައިވާއެވެ.

10 ނުވަތަ 12 ބުރިއަށް އަޅާ އެ އިމާރާތްތައް ހުންނަ ސަރަހައްދުތައް ކަނޑައަޅާނީ މާލެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު، ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުން ޕާކް ކުރުމަށް ހާއްސަކޮށްގެން އެޅޭ މި އިމާރާތްތަކުގެ ބައެއް ފަންގިފިލާތައް ދޫކުރަނީ ވިޔަފާރީތައް ހިންގުމަށެވެ. އެއީ އެ އިމާރާތްތައް މަރާމާތުކުރުމާއި، ބެލެހެއްޓުމުގެ ރީކަރަންޓް ހަރަދުތައް ބެލެހެއްޓުމަށް ކަމަށް ވެއެވެ.

މި ކަންކަމާ ގުޅޭ ގޮތުން މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ މާލޭގެ ކޮންމެ އަވަށެއް ވަކިންނެވެ. މި ގޮތުން މި މަހުގެ ތެރޭގައި މީގެ ފަސް ބައްދަލުވުމެއް ރާވާފައިވެއެވެ.

މި ގޮތުން މި މަހުގެ ފަސްވަނަ ދުވަހު ބާ އިންޖީނުގެ ޕާކިން އިމާރާތުގައި ގަލޮޅުގެ ރައްޔިތުންނާ މޭޔަރު ބައްދަލު ކުރައްވާނެއެވެ. 10 ވަނަ ދުވަހު މާފަންނު ސްޓޭޑިއަމްގައި މައްޗަންގޯޅީގެ ރައްޔިތުންނާ މޭޔަރު ބައްދަލު ކުރައްވާނެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ރަސްފަންނު ސަރަހައްދުގައި މާފަންނު ރައްޔިތުންނާ މޭޔަރު ބައްދަލު ކުރައްވާއިރު މި މަހުގެ 14 ވަނަ ދުވަހު ލޮނު ޒިޔާރަތް ޕާކުގައި ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ. އަދި މި މަހުގެ އަށް ވަނަ ދުވަހު ވިލިމާލެ ބޯޅަ ދަނޑުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު އެއް އަމާޒަކަށް ކަނޑައަޅާފައި އޮތް އެއް ކަމަކީ ވެސް މާލޭގެ ޕާކިން މައްސަލަތައް ހައްލު ކުރުމެވެ. އެ ކަން ކުރަން މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި އެ ކަން ކޮށްދޭނެ ފަރާތެއް ހޯދަން ވެސް ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މ

    ޝުކުރިޔާ . މޭޔަރ

    • ދޮންބެ

      ރަނގަނޅު ކަމެއް. އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެއް. 6 ބުރީގެ ޕާކިންގް ބިލްޑިންއެއް މާލޭގެވެސް ހުޅުމާލޭގަވެސް އަޅަންވީ. ހުޅުމާލޭގެ ރީތިކަން އެއްކޮށް ގެއްލިގެން ގޮސްފި. ހުރިހާ މަގެއްގެ ދެފަރާތުގައި އެވަނީ ޕާކްކޮށް މަގުތައް ފުރާލާފަ. ހުޅުމާލެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައިވެސް ޕާކިންގްތައް ހަދާ އެތަނުގައިވެސް ދަނީ ޕާކްކުރަމުން. ގައިމު މަގުތައް މައްޗަށް ދޫކޮށްލާފައިމިވާ ވެހިކަލްތަކަކީ އެވެހިކަލެއް ބާއްވާނެ ގަރާޖެއް ދައްކާފަ ރަޖިސްޓްރީކޮށްދީފަވާ އެއްޗެހި. އެކަން ރެގިއުލޭޓް ނުކުރެވޭ. އޭގަވެސް ކޮރަޕްޝަން. ބާރުގަދަމީހާ ބާރުދައްކައިގެން މަގުތައްމަތީ ބާއްވަނީ. ޕާކިންގ ބިލްޑިންގްތައް ހަދާ ކެމެރާތައް ބަހައްޓާ ސިސްޓަމްތައް ހަރުކޮށް ފައިސާ ނަގާގޮތަށް ޕާކިންގް ހަދަންވީ. ދެން މަގުތަކުގެ ދެފަރާތުގައި ޕާކް ނުކުރެވޭގޮތް ހަދަންވީ. އޭރުން ރަނގަނޅު ޢާންމުދަނީއެއް ލިބޭނެ އަދި ޕާކްކުރާ އުޅަނދަށް ރައްކާތެރިކަންވެސް ލިބުނީ.

      • ...

        މާ ރަންގަލުވަަނެ ެެ ތަނތާގަ އެލިނަމަ

  2. އަބްދޫ

    ރަނގަޅު ނިންމުމެއް. މާލޭގަ ހެންވޭރުގަ ޕާކިން ބިލްޑިންގ 10 ފްލޯއަށް އިމާރާތް ކުރަންފެނޭ އެގޮތުން މަޖީދިއްޔާ ހުލަނގު ބިމާއި ސޯސަންމަގު މަޖީދިއްޔާ ކައިރީގަ އޮތްބިމާ ނާސަރީ ބިމާއި މަޖީދީމަގުގަ އޮތްބިން އިމާރާތްކޮށް ގްރައުންޑް ފްލޯ ފިހާރަތަކަށް 5 ފްކޯ ޕާކިން އަށް މަތީ 4 ފްލޯ ދިރިއުޅޭ އެޕާޓް މަންޓްގެ ގޮތުގާ ބޭނުންކުރެވޭގޮތަށް މުހިންމު ކަމެއް.

  3. ތުއްތުކޮއި

    ޓެކްސީ ތަކުގައި މީޓަރު ބަހައްޓަން ފާސްކޮށްދީބަލަ. މިވެރިން ލާރިނަގަނީ ހިތަށްއެރިވަރަކަށޭ. ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ފަސްމިނިޓް ނުވާ ކުރު ދަތުރަކަށްވެސް 40 ރުފިޔާ އެބަ ނަގައޭ. މީދެން ބޮޑުވެއްޖެކަމެއްނު.