ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވިތަކެއް ނައްތާލައިފިއެވެ.

ކަސްޓަމުން މިއަދު ބުނީ އެ ތަކެތި ނައްތާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

ނައްތާލާފައިވަނީ 370 ކެގުގެ ބަނގުއާވިއެވެ. އެއީ ޖުމްލަ 11،100 ލީޓަރުގެ ބަނގުއާވިއެވެ.

އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 މާއްދާގެ ދަށުން ބޮންޑަޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.