ކޮވިޑް-19 ޖެހިގެން ރ. ދުވާފަރުން ނިޔާވި އުމުރުން 54 އަހަރުގެ މީހާ ބ. އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ސީއެމްބިއުލާންސް އައިސްފައި ވަނީ ބަލި މީހާ ނިޔާވި ފަހުން ކަމަށް ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

އެ އަންހެން މީހާ ނިޔާވި ހާދިސާއާ ގުޅިގެން އެރަށު އެ ސިއްހީ މަރުކަޒުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ބަލި މީހާގެ ކަންކަން އެ ހޮސްޕިޓަލުން ވަރަށް ކައިރިން ބަލަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ހާލު ދެރަވެގެން އެ މީހާ އޭދަފުއްޓަށް ގެންދަން ސީއެމްބިއުލާންސް އައިސްފައިވަނީ ބަލި މީހާ ނިޔާވި ފަހުން ކަމަށެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވީ، އެ މީހާ ކޮވިޑަށް ފައްސިވެފައިވަނީ 22 ޖުލައި ގައި ނެގި ސުންކަކުން ކަމަށާއި 29 ވަނަ ދުވަހު އެމީހާ މަރުކަޒަށް ގުޅައި އާވިއަރުވާލަން ބޭނުންވާ ކަން ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ އެގޮތަށް އެންގުމުން ވެގެން އުޅޭގޮތް ސާފުކޮށް، ޑޮކްޓަރުގެ ލަފާ ހޯދައި އެދުވަހުގެ ހަވީރު 17:15 ގައި އެމީހާއަށް ޓެލެކޮންސަލްޓޭޝަން ހަދައި ވައިޓަލްސް ނެގުމަށް ނަރުހަކު ތައްޔާރުކޮށް އާވިއަރުވަން ބޭނުންވާ ތަކެއްޗާއި އެކީ އެމްބިއުލާންސްގައި 17:30 ގައި އެގެއަށް ފޮނުވި ކަމަށް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައިވަނީ، ބަލި މީހާގެ SPO2 ދަށްވެފައިވާތީ ޑޮކްޓަރުގެ އެންގުމުގެ މަތިން ބަލި މީހާ 1:40 އާއި 17:50 އާއި ދެމެދުގެ ވަގުތެއްގައި ގެނައި ކަމަށާއި ގެނައި ވަގުތުން ފެށިގެން އައިސޮލޭޝަން ވޯޑުގައި އެނދުމަތިކޮށް އޮކްސިޖަން ގުޅައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އޭގެ ފަހުން ބަލި މީހާގެ ހާލަތު ދަށް ކަމަށް ޑޯކްޓަރަށް ގަބޫލު ކުރެވޭތީ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އެ މީހާ އޭދަފުށީ ކޮވިޑް ފެސިލިޓިއަށް ފޮނުވުމުގެ ކަންކަން ހަމަަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ

އެކަންކަން ހަމަ ޖެހުމުން އަތޮޅު ފޯކަލް ޕޮއިންޓަށް 18:28 ގައި ގުޅައި ސީއެމްބިއުލާންސް ބޭނުންވާ ވަސީލަތްތަކާއި އެކީ އެންމެ އަވަހަށް ފޮނުވައި ދިނުމަށް އެދުނު ކަމަށާއި 19:00 ހާއިރު މަރުކަޒުގެ އެމްބިއުލާންސް ބަނދަރަށް ފޮނުވުމަށްފަހު މަޑު ކުރި ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

"ބަނދަރުގައި އެމްބިއުލާންސް އޮތްއިރު، ސީއެމްބިއުލާންސް އައިސްފައި ނެތްކަން ފާހަގަ ކުރަމެވެ. އިތުރު ބަލި މީހަކު އެމަޖެންސީގައި މަރުކަޒަށް ގެނައުމަށް ގުޅަމުންދާތީ ބަނދަރުގައި އޮތް އެމްބިއުލާންސް ބަލި މީހާ މަރުކަޒަށް ގެނައުމަށް ފޮނުވާލައިވާނެއެވެ. އަދި މި ދެންނެވި ބަލި މީހާ މަރުކަޒަށް ބޭލުމަށްފަހު ލަސްނުކޮށް އަނެއްކާ ވެސް ދެވަނަ ފަހަރަށް އެމްބިއުލާންސް ބަނދަރަށް ފޮނުވުނު ނަމަވެސް ސީއެމްބިއުލާންސް އައިސްފައި ނެތްކަން ފާހަގަ ކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ބަނދަރުގައި އޮތް މަރުކަޒުގެ އެމްބިއުލާންސް އެނބިރު މަރުކަޒަށް އައިސްފައިވަނީ ބަލި މީހާ ނިޔާވިކަން އެންގުމާއި ގުޅިގެން ކަމަށާއި އޭރު ސީއެމްބިއުލާންސް ދުވާފަރު ބަނދަރަށް ވަދެފައިވަނީ ބަލި މީހާ ނިޔާވި ފަހުންކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

ސިއްހީ މަރުކަޒުން ބުނީ، ބަލި މީހާ ނިޔާވި ކަން ޑޮކްޓަރު ކަށަވަރު ކޮށްދެއްވާފައިވަނީ 19:30 ގައި ކަމަށާއި ބަލި މީހާ އެންމެ ފުރަތަމަ މަރުކަޒަށް ގެނެވުނު ވަގުތުން ފެށިގެން ނިޔާވުމާއި ހަމައަށް މަރުކަޒުގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އަވަސް ފަރުވާ ދީފައިވަނީ އޮކްސިޖަން ގުޅައިގެން ކަމަށެވެ.

ކޮވިޑް ޖެހިގެން ދުވާފަރުން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ.

އެރަށުގައި އެންމެ ފަހުން އެ ބަލީގައި މީހަކު ނިޔާވުމާއި ގުޅިގެން އެރަށުގައި މުޒާހަރާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ބަލިމީހާ މަރުވުމުން ރައްޔިތުންގެ ފަރާތުން އަތުވެދާނެ ހަމަލައަކަށް މުވައްޒަފުން އެ ތިބީ ބިރުން ފިއްކެނޑިފަކަން މި ހަބަރު ކިޔާލުމުން ދޭހަވޭ. ވަރަށް ދެރަކަމެއް ، ވަގުތުން ވަގުތަށް ބޭނުންވާ ހައި ފުރިހަމައަށް އެއްވެސް ކަމެއް ނުވާނެ. ޙިދުމަތްތައް ހުރިގޮތުން ބުނާއިރަށް ކަންކަން ވާކަށް ވެސް ނުހުރޭ. ހާދިސާ ތަކުގައި ކަންކަންދިމާވާނެ. ކަމެއްދިމާވުމުން އެކަންކުރަންތިބޭމީހުން އޮރިޔާން ކޮށްލާކަށްނުވާނެ

    4
    1
  2. އަޖައިބު

    އެކަމަކު މުޒާހަރާ ރޫޅާލަން ފުލުހުންނަށް ދެވިއްޖެ މުޒާހަރާ ނުވެސް ފެށެނީސް.

    5
    1
  3. ހުސޭނުބޭ

    މާދަމާ ހެލްތު މިނިސްޓަރު ނުކުމެ ސީ އެމްބިއުލާންސްގެ ޚިދުމަތް ރަގަޅުކުރުމަށް އޭގެ އިންޖީނަށާއި، ބުރަފައްޗަށާއި ބޮށިގަނޑަށާއި ގިޔަރު ފޮއްޗަށް ކޮންމެ އެއްޗަކަށް މުއައްސަސާއެއް އުފައްދާނެ! އެހައިވެސް ޚިދުމަތް ރަގަޅުކޮށްދޭނެ........... އަނގައިން

  4. އަލިތަކުރު

    އޯގާތެރި ސަރުކާރު. އޯގާތެރި ސަރުކާރު، އެޖެންޑާ 19 ، ރައްވެހި ފަތިސް، ނަން ހުސްކޮށް ހުސްކުރާ ސޭލް އަޅުޗާއިރަށް ރައްޔިތުން ވޯޓް ލާންވީ، ވާކަމެއް ހަރާން

    5
    1
  5. ހުސެންދީ

    ތީގައި އިދާރާތަކުގެ އިހުމާލު އެބައޮތް.
    އެހެންނަމަވެސް، ރ. ކަނދޮޅުދޫ/ރ. ދުވާއިފަރު މީހުންނަކީ ވަރަށް ބަސްނާހާބައެއް. ކޮވިޑް އެރަށުގައި ފެތުރުނަސް އެމީހުން އަޅާނުލާ. އުޅެނީ އުޅޭނެ ގޮތަކަށް. އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކަށް ހުރިމަތް ތެރިކޮށް ނުހިތާ. އެ ރަށުގައި ކޮވިޑް ފެތުރޭތީ ކޮވިޑަކީ އާންމުރޯގާ އެއްގޮތަށް ކަނޑައަޅާދިނުމަށް އެދި މުޒާހަރާވެސް ކުރީ ތިރަށުމީހުން. ބައެއްގެ ހާލަތު ރަނގަޅެއްނުވާނެ އެބަޔަކު ރަނގަޅު ކުރިމާނޫނީ.
    އަދިވެސް ބުނަން. އިދާރާތަކުގެ އިހްމާލު އެބައޮތް