ކ. ކާށިދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކާށިދޫ ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިރޭގެ 7 ޖެހުމާއި ހަމައަށް އެރަށުން އިތުރު ހަ މީހަކު ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 212 އަށް އަރާފައެވެ.

މިހާތަނަށް ކާށިދޫން ޖުމްލަ 2،998 މީހެއްގެ ސުންކު ނަގާފައިވާއިރު، އޭގެ ތެރެއިން 2،671 މީހެއްގެ ސުންކު ވަނީ ނައްސިވެފައެވެ. އަދި 115 މީހެއްގެ ސުންކުގެ ނަތީޖާ ނުލިބޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކާށިދޫން މިހާތަނަށް 212 މީހަކު ކޮވިޑަށް ފައްސިވި ނަމަވެސް، މި ވަގުތު ބައްޔަށް ފައްސިވެފައިވަނީ 145 މީހެކެވެ.

ކާށިދޫން ކޮވިޑް ފެނުމާއި ގުޅިގެން މިވަގުތު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، 90 ގެއެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ހަތަރު ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

ކާށިދޫއަކީ މިހާރު ރާެއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އެއް ރަށެވެ. އެރަށުގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނައިރު، އެރަށުގެ ސިއްހީ މަރުކަޒުގައިވެސް އެ ބައްޔަށް ފައްސިވަމުންދާ މީހުންނަށް ފަރުވާ ދީފައި ވެއެވެ.